ކުޅިވަރު

ކްލަބް ވޯލްޑް ކަޕް: ޗެލްސީއިން އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ކްލަބް ވޯލްޑް ކަޕް: ޗެލްސީއިން އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފަޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

17 ޖޫން 2025، 08:36

އެމެރިކާގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް-ސީގައި ޗެލްސީ އާއި ލޮސް އޭންޖެލްސް ބައްދަލުކުރި މެޗު 2-0 އިން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު މުޅިން ވެސް ޑޮމިނޭޓުކުރީ ޗެލްސީއެވެ. އަދި އެ ޓީމުން ފުރަތަމަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. 

މެޗުގެ ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޖެކްސަންގެ ބޯޅައަކުން ޕެޑްރޯ ނޭޓޯއެވެ. 

މެޗުގެ ދެވަނަ ހާފުގައި، ޗެލްސީއާ އަލަށް ގުޅުނު ފޯވަޑް ލިއާމް ޑެލަޕްއަށް ވަނީ ފުރުސަތުދީފައެވެ. އަދި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ވެސް ފެނިފައިވެއެވެ. 

ޗެލްސީގެ ދެވަނަ ގޯލަށް އެސިސްޓުކޮށްދިނީ ވެސް ޑެލަފްއެވެ. މި ގޯލު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެންޒޯ ފެނާންޑޭޒްއެވެ.

ލޮސް އޭންޖެލްސްގެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސްއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރީ އޮލިވިއާ ޖިރޫޑް އާއި ހޫގޯ ލޮރިސް ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 

މި މެޗަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ވޯލްޑްކަޕް ފެށެން އަހަރަކަށް ވެފައިވަނިކޮށް ކުޅޭ މިފަދަ ބޮޑު މުބާރާތެއްގެ މެޗެއް ބެލުމަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މެޗު ކުޅުނު ގަޑި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މި މެޗު ފަށާފައިވަނީ އެމެރިކާގެ ގަޑިން ހަވީރު ތިނެއް ޖެހި އިރުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS