ދުނިޔެ

އިޒްރާއިލުން އީރާންގެ ދައުލަތުގެ މީޑިއާއަށް ހަމަލާދީފި

އިޒްރާއިލުން އީރާންގެ ދައުލަތުގެ މީޑިއާއަށް ހަމަލާދީފި

އީރާންގެ ދައުލަތުގެ ޓީވީއަށް ހަމަލާއެރިވަގުތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖޫން 2025، 12:02

17 ޖޫން 2025، 12:02

އީރާންގެ ވެރިރަށް ތެހްރާންގައި ހުންނަ ދައުލަތުގެ މީޑިއާ އިމާރާތަށް މިއަދު ހެނދުނު އިޒްރާއިލުން ހަމަލާ ދީފިއެވެ. 

މި ހަމަލާ ދިނީ ދައުލަތުގެ ޓީވީން ލައިވް ބްރޯޑްކާސްޓެއް ކުރިޔަށް ދިޔަ ވަގުތެއްގައެވެ. އެތަނުގައި އެވަގުތު ހުރި ޕްރެޒެންޓަރަށް ވަނީ ގޮވުމުގެ އަޑާއި އިމާރާތަށް ލިބުނު ގެއްލުން ފެނިފައެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި ޓީވީގެ އެތައް މުވައްޒަފުންނަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް ހަމަލާ ދިނުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި ޓީވީގެ ބްރޯޑްކާސްޓް އަލުން ފެށިފައިވާކަމަށް ލޯކަލް މީޑިއާތަކުން ބުނެއެވެ.

ޔުނިވަސިޓީ އޮފް ތެހްރާންގެ ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ޕްރޮފެސަރ ފުއާދް އިޒާދީ ވިދާޅުވި ގޮތުގައި މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން ޝަހީދުވުން އެކަށީގެންވެއެވެ. އެ އިމާރާތަކީ ހަތަރު ފަންގިފިލާގެ ބޮޑު އިމާރާތެއް ކަމަށާއި، ކޮންމެ ފަންގިފިލާއެއްގައި 300 އެއްހާ މުވައްޒަފުން މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރާއިލްގެ ދިފާއީ ވަޒީރު ޔިސްރާއިލް ކަޓްސް ބުނެފައިވަނީ "އީރާންގެ ޕްރޮޕެގަންޑާގެ ބިއްގަނޑު ނެތިދާން ކައިރިވެފައި" ވާ ކަމަށެވެ. އަދި އީރާންގެ ޓީވީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޒަޔޯނިސްޓް ރެޖީމުން ވަނީ އިންސާނިއްޔަތާ ޚިލާފަށް ބްރޯޑްކާސްޓިންގ އިމާރާތަށް ހަމަލާދީފައި" ކަމަށެވެ.

އީރާންގެ ޚާރިޖީ ވަޒީރު މިއަދު ވިދާޅުވެފައިވަނީ އެ ޤައުމުގެ ބިމާއި، ރައްޔިތުންނާއި، ޤަދަރު ހިމާޔަތްކުރުމަށް އެންމެ ފަހު ނޭވައާ ޖެހެންދެން، އަދި ހަށިގަނޑުގައި ލޭ ތިއްކެއް ހުރިހާ ހިނދަކު، ޝަރަފުވެރިކަމާއެކު ހަނގުރާމަ ކުރާނެ ކަމަށެވެ. 

އިރާންގެ ދައުލަތުގެ މީޑިއާއަށް ދިން މި ހަމަލާއާއެކު ދެ ޤައުމުގެ ދެމެދުގައި ހޫނުވަމުންދާ ހަނގުރާމައިގެ އަސަރުތައް އިތުރަށް ހަރުކަށިވާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS