ދުނިޔެ

އެއަރ އިންޑިއާ ބޯޓު ވެއްޓުނު ހާދިސާ : ބްލެކް ބޮކްސް ފެނި، ތަޙްޤީޤު ކުރިއަށް

އެއަރ އިންޑިއާ ބޯޓު ވެއްޓުނު ހާދިސާ : ބްލެކް ބޮކްސް ފެނި، ތަޙްޤީޤު ކުރިއަށް

އެއަރ އިންޑިއާ ބޯޓު ވެއްޓުނު ހާދިސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2025، 07:59

16 ޖޫން 2025، 07:59

އިންޑިއާގެ އަޙްމަދާބާދުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި ވައިގެ ހާދިސާގެ ތަޙްޤީޤު އިތުރަށް ހަރުދަނާވެއްޖެއެވެ. އެއަރ އިންޑިއާގެ ބޯއިންގ 787-8 ޑްރީމްލައިނަރ މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑަރ (ސީވީއާރު) ވަނީ ފެނިފައެވެ.

މި ހާދިސާގައި މަދުވެގެން 270 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ޕަސިންޖަރުންނެވެ. ލަންޑަނަށް ދަތުރުކުރަމުންދިޔަ މި މަތިންދާބޯޓު ވެއްޓުނީ އަޙްމަދާބާދުން ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

ސީވީއާރުގައި ރެކޯޑުކުރެވިފައި ހުންނަނީ ކޮކްޕިޓުގެ އަޑުތަކެވެ. އޭގެ ތެރޭގައި ޕައިލެޓުންގެ ވާހަކަތަކާއި، އެލާމްތަކާއި، އެހެނިހެން އަޑުތައް ހިމެނެއެވެ. ފްލައިޓް ޑޭޓާ ރެކޯޑަރ (އެފްޑީއާރު) ވަނީ ހުކުރު ދުވަހު ފެނިފައެވެ. މި ދެ ވަސީލަތަކީ "ބްލެކްް ބޮކްސް" ގެ ނަމުން މަޝްހޫރު ދެ ވަސީލަތެވެ.

އިންޑިއާގެ އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މި ހާދިސާގެ ތަޙްޤީޤު ވަނީ ފަށާފައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޓީމުތަކުން ވެސް މި ތަޙްޤީޤަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) ގެ އޮފިޝަލުން ވަނީ އާދިއްތަ ދުވަހު ހާދިސާ ހިނގި ސަރަޙައްދު ބަލާ ސާރވޭކޮށްފައެވެ.

އިންޑިއާ ސަރުކާރުން ވަނީ މި ހާދިސާ ތަޙްޤީޤުކުރުމަށް ޚާއްޞަ ކޮމިޓީއެއް އުފައްދާފައެވެ. މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮމިޓީން ތިން މަސް ދުވަހުގެ ތެރޭގައި އިބްތިދާއީ ރިޕޯޓެއް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
މި ހާދިސާގައި މަރުވި ގިނަ މީހުންގެ ހަށިގަނޑުތައް ވަނީ އަނދައިގެން ގޮސްފައެވެ. އެހެންކަމުން، ޑީއެންއޭ ޓެސްޓުތަކުގެ ޒަރީއާއިން މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިހާތަނަށް 90 އަށްވުރެ ގިނަ މީހުން ވަނީ ދެނެގަނެވިފައެވެ. އަދި 47 މީހުންގެ ހަށިގަނޑު ވަނީ އާއިލާތަކާ ހަވާލުކުރެވިފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނޭ ގުޖުރާތުގެ ކުރީގެ ވަޒީރު ވިޖޭ ރޫޕާނީގެ ޖަނާޒާ މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ ޖަނާޒާ ބޭއްވޭނީ ދައުލަތުގެ ފުރިހަމަ އިޙްތިރާމާއެކު ރާޖްކޮޓް ސިޓީގައެވެ.

ގިނަ އާއިލާތަކަށް މިވަގުތު ވެސް ދަނީ ވޭންދެނިވި އިންތިޒާރެއް ކުރަމުންނެވެ. އަޙްމަދާބާދުގެ ސިވިލް ހޮސްޕިޓަލުގެ ޑރ. ރަޖްނިޝް ޕަޓެލް ވިދާޅުވި ގޮތުގައި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުންނެވެ. އެއީ ހަށިގަނޑުތައް އަނދައިގެން ގޮސްފައިވާތީ، ކުދި ބެޗްތަކަކަށް ބަހާލައިގެން މަސައްކަތް ކުރަންޖެހޭތީއެވެ.

ހޮސްޕިޓަލު ބޭރުގައި އިންތިޒާރުކުރަމުންދާ މިސްޓްރީ ޖިގްނޭޝް ބީބީސީއަށް ބުނި ގޮތުގައި އޭނާގެ ފިރިހެން ކޮއްކޮގެ ދަރިފުޅުގެ ހަށިގަނޑު ހަވާލުކުރުމަށް އިތުރު ވަގުތު ނަގާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. އެއީ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީއެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS