ދުނިޔެ
އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިޒްރާއިލްގެ 9،000 އަށްވުރެ ގިނަ މީހުން އެދިއްޖެ

އީރާނުން ޔައްފާއަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތެއް
އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިޒްރާއިލްގެ 9،000އަށް ވުރެ ގިނަ މީހުން އެދިފައިވާކަމަށް އިޒްރާއިލްގެ ސަރުކާރުން ހާމަކޮށްފިއެވެ.
އިޒްރޭލުގެ ޗެނަލް 12 އިން މިއަދު ހާމަކުރި ގޮތުގައި، ފާއިތުވި ހުކުރު ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 9،000 އަށްވުރެ ގިނަ ފަރާތަކުން ހުށަހަޅާފައިވެއެވެ. މިއީ "ވައުދު ސާދިޤް 3" ގެ ދަށުން އީރާނުން ދިން ހަމަލާތަކާ ގުޅިގެން އެހީއަށް އެދުނު މީހުންގެ ޢަދަދެވެ.
އިޒްރޭލުގެ ޓެކްސް އޮތޯރިޓީގެ ޑިރެކްޓަރ ޝައި އަހަރޮނޮވިޗް ހާމަކުރި ގޮތުގައި، އީރާނުގެ ހަމަލާގެ ފުރަތަމަ ދެ ދުވަހު ލިބުނު ގެއްލުމުގެ އަގު 1 ބިލިއަން ޝެކެލް (277 މިލިއަން ޑޮލަރު) އަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަދި ޖުމްލަ 12،000 ބަދަލުގެ ހުށަހެޅުން ލިބޭނެކަމަށް ލަފާކުރެވެއެވެ.
އިޒްރޭލުގެ އަސްކަރީ ސެންސަރޝިޕްގެ ދަށުން ގެއްލުންތަކުގެ މަންޒަރު ދެއްކުން މަނާކޮށްފައިވީ ނަމަވެސް، ޚާއްޞަކޮށް ޓެލް އަވީވްގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތައް ފެންނަން ހުރި ފޮޓޯތައް ހާމަވެފައިވެއެވެ.
އިޒްރޭލުގެ މެދުތެރޭގައި އޮންނަ ރަމަތް ގަން ސިޓީ ކައުންސިލުން ބުނެފައިވަނީ އީރާނުގެ މިސައިލް ހަމަލާތަކުގެ ސަބަބުން "ހިތަށްވެސް ނުގެނެވޭފަދަ" ބޮޑު ގެއްލުމެއް ލިބި، އެތައް އިމާރާތްތަކަކަށް ގެއްލުންވެ، ގިނަ ބަޔަކަށް ގެދޮރު ގެއްލިފައިވާ ކަމަށެވެ.
ފާއިތުވި ތިން ދުވަހުގެ ތެރޭގައި، އީރާނުން ޓެލް އަވީވް އަދި ހައިފާއަށް ސަތޭކަ އަށްވުރެ ގިނަ މިސައިލް އަދި ޑްރޯން ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި ވައިޒްމަން ރިސާރޗް އިންސްޓިޓިއުޓް އަދި ހައިފާގެ ތެޔޮ ވިއުގަ އަދި ފެސިލިޓީތަކަށް އަމާޒުކޮށް ދިން ހަމަލާތައް ހިމެނެއެވެ.
މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 24 މީހުން މަރުވެ، 592 މީހުންނަށް އަނިޔާވެ، އަދި އެތައް ބަޔަކު ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.