ދުނިޔެ
އެއަރ އިންޑިއާގެ މަތިންދާބޯޓެއް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ ހޮންގކޮންގއަށް ޖައްސައިފި

އެއަރ އިންޑިއާ މަތިންދާ ބޯޓެއް
އެއަރ އިންޑިއާގެ ބޯއިންގ 787-8 ޑްރީމްލައިނާ މަތިންދާބޯޓެއް ޓެކްނިކަލް މައްސަލައެއް ކުރިމަތިވުމާ ގުޅިގެން ދަތުރު ހުއްޓާލައި އަނބުރާ ހޮންގކޮންގއަށް ޖައްސާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަހުމަދާބާދުގައި ހަމަ މި ބާވަތުގެ މަތިންދާބޯޓެއް ވެއްޓި ހާދިސާ ހިނގިތާ ދުވަސްކޮޅެއް ފަހުންނެވެ.
އިންޑިއަން މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މަތިންދާބޯޓުގެ ޕައިލެޓް ދަތުރުމަތީގައި ޓެކްނިކަލް މައްސަލައެއް ހުރިކަމަށް ޝައްކުކުރުމާ ގުޅިގެން ވަނީ ބޯޓު އަނބުރާ ހޮންގކޮންގއަށް ޖައްސާފައެވެ. ފްލައިޓްރަޑާ 24 ގެ މަޢުލޫމާތު ދައްކާ ގޮތުގައި މި މަތިންދާބޯޓު ވަނީ ފުރިތާ 90 މިނެޓުގެ ތެރޭގައި އަނބުރާ ހޮންގކޮންގ އެއަރޕޯޓަށް ޖައްސާފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އެއަރ އިންޑިއާއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި ޓެކްނިކަލް މައްސަލައިގެ ތަފްޞީލު ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މަތިންދާބޯޓު ވަނީ ރައްކާތެރިކަމާއެކު ޖައްސާފައިކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
ބްރިޓިޝް އެއަރވޭޒްގެ ހަމަ މި ބާވަތުގެ ބޯއިންގ 787-8 ޑްރީމްލައިނާ މަތިންދާބޯޓެއް ވެސް ވަނީ ޓެކްނިކަލް މައްސަލައަކާ ހުރެ ޗެންނާއީއަށް ދަތުރުކުރަމުން ދަނިކޮށް އަނބުރާ ލަންޑަނަށް ޖައްސާފައެވެ.
މި ހާދިސާތައް ހިނގަމުންމިދަނީ 12 ޖޫންގައި އަހުމަދާބާދުގައި ހިނގި ނުރައްކާތެރި ބޯޓުވެއްޓުމުގެ ހާދިސާހިނގިތާ މާގިނަދުވަސްތަކެއް ނުވަނީސްއެެވެ. އެ ހާދިސާގައި އެއަރ އިންޑިއާގެ ބޯއިންގ 787-8 ޑްރީމްލައިނާ މަތިންދާބޯޓެއް ވެއްޓި، 241 މީހުން މަރުވެ، އެންމެ މީހަކު ސަލާމަތްވިއެވެ.
މި ހާދިސާތަކާ ގުޅިގެން ބޯއިންގ 787-8 ޑްރީމްލައިނާ މަތިންދާބޯޓުތަކުގެ ސަލާމަތާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ބަލައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށްވަނީ މަސައްކަތްފަށާފައެވެ.