ޚަބަރު
ހިންނަވަރު ސޯލާ ޕްރޮޖެކްޓް ސައިޓުން ވަގަށް ނަގާފައިވާ ތަކެތި 4 ގަޑިއިރުތެރޭ ފުލުހުން ހޯދައިފި

ވަގަށް ނަގާފައިވާ ތަކެތި/ފޮޓޯ: ފުލުހުން
ޅ. ހިންނަވަރު ސޯލާ ޕްރޮޖެކްޓް ސައިޓުން ވަގަށް ނަގާފައިވާ ތަކެތި 4 ގަޑިއިރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މިތަކެތި ފުލުހުން ހޯދާފައިވަނީ، ހިންނަވަރުގައި ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުން ގިނަ ޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ހުށައަޅާފައިވުމާއި ގުޅިގެންނެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު މިތަކެތި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ފުލުހުންގެ މަސައްކަތުން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައިވަނިކޮށެވެ. އެގޮތުން، މީގެ ތެރެއިން ބައެއް ތަކެތި ފެނިފައިވަނީ އެރަށުގެ ދޯނި އެހެލާ ސަރަޙައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ދެންހުރި ތަކެތި ފެނިފައިވަނީ އެރަށުގައި ހުރި ފަޅު ގޯއްޗަކުންނެވެ.
ސޯލާ ޕްރޮޖެކްޓްގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން އިލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެއްޗެއް ހޯދައި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި، ވެލްޑިންގ ޕްލާންޓަކާއި، ޕެޓްރޯލް ހަންތަކަކާއި، އޭންގަލް ގްރޭންޑަރެއްގެ އިތުރުން، ބެޓްރީ ރެންޗުތަކެކެވެ.
ހިންނަވަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުޤީގު ކުރަމުން އަންނައިރު، މިމައްސަލައާ ގުޅިގެން ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.