ޚަބަރު
އިމާރާތުގެ ކުރެހުންތައް ފާސްކުރުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޗްޑީސީން އައު އުސޫލެއް އެކުލަވާލައިފި

ހުޅުމާލޭގައި ފްލެޓް އިމާރާތްކުރުމަށް ތައްޔާރުކުރާ ބިމެއް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ އަދި ތިލަފުށީގައި އަމިއްލަ ގޯތިގެދޮރާއި ސިނާޢީ ތަރައްޤީގެ މަޝްރޫޢުތަކުގެ ކުރެހުން ފާސްކުރުމުގެ އައު އުސޫލުތަކެއް ތަޢާރަފުކޮށްފިއެވެ. މި އައު އުސޫލުތަކުގެ މަޤްޞަދަކީ ކުރެހުން ފާސްކުރުމުގެ މަރުޙަލާތައް އަވަސްކޮށް، މުޅި ޕްރޮސެސް އިތުރަށް ހަރުދަނާކުރުމެވެ.
15 ޖޫން 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ މި އައު އުސޫލުތަކުގައި، ކުރެހުން ހުށަހެޅުމާއި ފާސްކުރުމުގެ މަރުޙަލާތައް އިތުރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. އަދި މި ޕްރޮސެސްގެ ޒިންމާދާރުކަމާއި ހަލުވިކަން އިތުރުކުރުމަށް އަމާޒުކޮށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ބަދަލުތަކަކީ ޤައުމީ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، ޕްލޭނިންގ ޤަވާޢިދުތަކާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. އަދި މީގެ ސަބަބުން ލިޔެކިޔުންތަކުގައި ހުންނަ ސާފުނުވާ ކަންކަމާއި، ޤަވާޢިދާ ޚިލާފު ހުށަހެޅުންތަކުގެ ސަބަބުން ދިމާވާ ލަސްވުންތައް މަދުކުރެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އައު އުސޫލުތަކުގެ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި:
ކުރެހުން ރިވިއުކުރުމުގެ މުއްދަތު 10 މަސައްކަތު ދުވަހަށް ކުރުކުރުން
ޑިވެލޮޕަރުން، ލައިސަންސް ލިބިފައިވާ ޑިޒައިނަރުން، އާކިޓެކްޗަރަލް/ސްޓްރަކްޗަރަލް ޗެކަރުން އަދި އެޗްޑީސީގެ ޒިންމާތައް ސާފުކޮށް ބަޔާންކުރުން
ހަމައެކަނި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ޕްރޮފެޝަނަލުން ތައްޔާރުކޮށް ސްޓޭމްޕްކޮށްފައިވާ ކުރެހުންތައް ބަލައިގަތުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ބަޔާންކުރުން
ސިނާއި ކުރެހުންތައް ހުށަހަޅާނެ ވަކި ޗެނަލްތައް ކަނޑައެޅުން
ޤަވާޢިދާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ބަޔާންކުރުން
މީގެ އިތުރުން، ކުރެހުން ހުށަހަޅާ ފަރާތްތަކަށް އިތުރު އެހީތެރިކަމެއްގެ ގޮތުން، ޑިވެލޮޕްމަންޓް ކޮންޓްރޯލް ޗެކްލިސްޓަކާއި ޕްރޮފެޝަނަލްސް ޗެކްލިސްޓެއް ވެސް އެޗްޑީސީން ތައްޔާރުކޮށްފައިވެއެވެ.
އެޗްޑީސީން ވިދާޅުވިގޮތުގައި މި އުސޫލުތައް ކޮންމެ އަހަރަކު މުރާޖަޢާކޮށް، ބޭނުންވާ އިޞްލާޙުތައް ގެނެވޭނެއެވެ. މިއީ ޒިންމާދާރު ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި، ޢާންމުންނާއި ފަންނުވެރިންނަށް ކުރެހުން ފާސްކުރުމުގެ މަރުޙަލާތައް ފަސޭހަކުރުމަށް އެޗްޑީސީން ކުރާ މަސައްކަތުގެ ބައެކެވެ.
މި އައު އުސޫލުތަކުގެ ސަބަބުން ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ކުރެހުން ފާސްކުރުމުގެ މަރުޙަލާތައް އަވަސްވެ، މުޅި ޕްރޮސެސް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިއީ ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، ގޯތިގެދޮރުގެ ވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ކުރެހުން ހުށަހެޅުމަށް: https://t.co/r26iZLLMBs
އިތުރު ތަފްސީލް: http://hdc.mv/downloads
އިމާރާތުގެ ކުރެހުންތައް ފާސްކުރުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޗްޑީސީން އެކުލަވާލާފައިވާ އައު އުސޫލު
— Housing Development Corporation (@hdcmaldives) June 16, 2025
ކުރެހުން ހުށަހެޅުމަށް: https://t.co/r26iZLLMBs
އިތުރު ތަފްސީލް: https://t.co/sk8bB7tZiv#އެޗްޑީސީއާއެކު pic.twitter.com/6bQMlSSDNm