ޚަބަރު
އެއް ލެވެލެއްގެ ޤުރުއާނުގެ ކޯސްތައް އެއްހަމަކުރުމުގެ މިންގަނޑެއް އެމްކިޔުއޭއިން ކަނޑައަޅުއްވައިފި

ޤުރްއާން ކިޔަވަނީ/ފޮޓޯ: އެމްއެންޔޫ
ރާއްޖޭގައި ތަޢުލީމުދޭ އެކި މަރުކަޒުތަކުން ހިންގަމުންދާ އެއް ލެވެލެއްގެ ޤުރުއާނުގެ ކޯސްތައް އެއްހަމަކުރުމުގެ މިންގަނޑެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިޔުއޭއިން ކަނޑައަޅުއްވައިފިއެވެ.
އެމްކިޔުއޭ އިން މިފަދައިން ކަނޑައަޅުއްވާފައިވަނީ، ރާއްޖޭގައި ހިންގާ އެއް ލެވެލެއްގެ ޤުރުއާން ކޯސްތައް އެއްހަމަކޮށް އެއް މުޤައްރަރެއް ކިޔަވައިދޭކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ "ކީރިތި ޤުރްއާނުގެ ޢިލްމުގެ ތަޢުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް" ގެ ނަމުގައި ލިޔުމެއް ގެޒެޓުކޮށްފައެވެ. އަދި މިކަމުގެ އެންމެ ބޮޑު މަޤްޞަދަކީ، ރާއްޖޭގައި މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުޤައްރަރުތައް ތަފާތުވުމުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ޙައްލެއް ގެނައުންކަމަށް އެމްކިޔުއޭ އިން ވަނީ ފާހަގަކުރައްވާފައެވެ.
އެމްކިޔުއޭ އިން އިތުރަށް ވިދާޅުވީ، މަތީ ތަޢުލީމުދޭ އެކި މަރުކަޒުތަކުގައި ކިޔަވައިދޭ މުޤައްރަރު ތަފާތުވުމުގެ ސަބަބުން ޑިޕްލޮމާއާއި ޑިގްރީއާ ހިސާބަށް ދާ ދަރިވަރުންނަށް ތަފާތު ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އަދި އެއް މަރުކަޒަކުން ޕްރޮގްރާމެއް ނިންމުމަށްފަހު އެހެން މަރުކަޒަކަށް ދިއުމުން ކުރިން ކިޔެވި މަރުކަޒުގެ މުޤައްރަރުގައި ތަފާތުތައް ހުރުމުން އެކި މައްސަލަތައް ދިމާވާ ކަން ފާހަގަކުރައްވާ އެމްކިޔުއޭ އިން ވިދާޅުވީ، މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއެކު މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.
މި މިންގަނޑުތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ފުރަތަމަ ޑިގްރީއާ ހިސާބަށް ކިޔަވައިދޭންޖެހޭ މުޤައްރަރުގެ އިތުރުން، ކޯސްތައް ކިޔަވައިދޭންޖެހޭ މުއްދަތު ވެސް ވަނީ ކަނޑައަޅުއްވާފައެވެ.