ޚަބަރު
ދިވެހިރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު/ފޮޓޯ: ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު، ދިވެހިރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުالله ޢަލީ ޢަބްދުﷲ އަލް - ޔަހްޔާއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ މެންދުރު ކުވެއިތުގެ ޚާރިޖީ ވުޒާރާގަައެވެ.
މި ރަސްމިއްޔާތަށްފަހު ކުވެއިތުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު އަޙްމަދު ސަރީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ލީޑަރޝިޕަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެ އާ ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަށް ކުވެއިތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ކުވެއިތާއި ދެމެދު އޮތް ގުޅުން އެ މަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު، ކުވެއިތުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު ސަރީރު އަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި، ސަފީރު އަޙްމަދު ސަރީރުގެ އަރިހުގައި ސައޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އަޙުމަދު ފަޒީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.