ދުނިޔެ
ވެއްޓުނު ފްލައިޓުން ސަލާމަތްވި މީހުން އެހީގެ އިންތިޒާރުގައި ދިރިތިބީ މިނިމަސް ކައިގެން

އެންޑީޒްގެ ހާދިސާ އަސްލަކަށް ބަލައިގެން 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސޮސއިޓީ އޮފް ދަ ސްނޯ"ގެ މަންޒަރެއް ---
އުދުހެމުންދާ މަތިންދާ ބޯޓެއް ވެއްޓޭ ހާދިސާތަކުގައި، އޭގެން ދަތުރުކުރި މީހަކު ނުވަތަ ބަޔަކު ސަލާމަތްވުމަކީ ވަރަށް ނާދިރުކަމެކެވެ. މިކަމުގެ އެއް ސަބަބަކީ މަތިންދާ ބޯޓު ދަތުރުކުރަމުންދާ ސްޕީޑުގައި ގޮސް ތަނަކު ޖެހުމުން އެ އަންނަ ލޮޅުމެވެ. އަނެއް ސަބަބަކީ ފްލައިޓު ވެއްޓުމަށްފަހު ބައިބައިވުމެވެ. މީގެ އިތުރުން މަތިންދާ ބޯޓު ގޮވައި، އޭގައި އަލިފާން ރޯވުމަކީ ވެސް، އެ ފްލައިޓުން ދަތުރުކުރާ މީހުންގެ ފުރާނަ ސަލާމަތް ވުމަށް ކުރިމަތިވާ ހުރަހެކެވެ.
ނަމަވެސް މިދިޔަ ހަފްތާގައި އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރުކުރި ފްލައިޓު ވެއްޓުނު ހާދިސާގައި 241 މީހުން މަރުވެފައިވާއިރު، މި ހާދިސާގައި އެކަކު ސަލާމަތްވުމަކީ ގިނަބަޔަކަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. އަދި އޭނާ ސަލާމަތްވި ގޮތް، ޚުދު އޭނާއަށް ވެސް މިހާރު ކިޔައިދޭކަށް ނޭންގެއެވެ. ފްލައިޓެއް ވެއްޓޭ ގަޑިއަކީ އެހާވެސް ބިރުވެރި ވަގުތު ކޮޅެކެވެ.
ދެން މި ހިއްސާކޮށްލަނީ މީގެ 52 އަހަރު ކުރިން ހިނގި މިފަދަ އެހެން ހާދިސާއެކެވެ. ދެކުނު އެމެރިކާގެ 7 ގައުމެއްގެ ތެރެއިން ގޮސްފައި އޮންނަ އެންޑީޒް ފަރުބަދަތައް މައްޗަށް އުރުގުއޭގެ މޮންޓެވީޑިއޯއިން ފުރައިގެން ޗިލީގެ ސެންތިއާގޯއަށް ދަތުރުކުރަމުން ދިޔަ އުރުގުއަން އެއާރ ފޯސް ފްލައިޓު ވެއްޓުނު ހާދިސާގައި ގިނަ ބަޔަކު ވަނީ މަރުނުވެ ސަލާމަތްވެފައެވެ. 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހިނގި މި ހާދިސާގެ އެންމެ އާދަޔާ ހިލާފުކަމަކީ، ސްނޯ ފަރުބަދަތަކެއްގެ މަތީގައި 72 ދުވަސް ވަންދެން އެމީހުން ދިރިތިބި ގޮތެވެ.
މި ބޯޓުގައި ތިބީ އުރުގުއޭގެ ރަގްބީ ޓީމަކާއި އެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނާއެކު ޖުމްލަ 45 މީހުންނެވެ. އެ މީހުން ޗިލީއަށް ކުރަމުން ދިޔަ މި ދަތުރަކީ ރަގްބީ މެޗެއް ކުޅުމަށް ކުރިދަތުރެކެވެ.
އެމީހުން ދަތުރުކުރަމުން ދިޔަ ބޯޓު ވެއްޓުނީ، މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ކޮޅިގަނޑެއްގައި، ކުރިމަތި ނުފެނި، މާކުރިން ފްލައިޓު ތިރިކުރަން ފެށުމުން ގޮސް ފަރުބަދައެއްގައި ޖެހިގެނެވެ. އަދި ފަރުބަދަތަކުގެ މަތީގައި އޮތް އައިސްތަކުގެ މައްޗަށް ފްލައިޓު ވެއްޓުނު ވަގުތު ފްލައިޓު ދެބުރިވެ، ދެބުރި ވަނީ ދެތަންވެފައެވެ.
މި ހާދިސާ ހިނގި ވަގުތު 12 މީހަކު މަރުވެފައިވެއެވެ. މީގެ ތެރޭގައި ޕައިލެޓާއި ކޯ-ޕައިލެޓުގެ އިތުރުން ފަސް މީހަކު ހިމެނެއެވެ.

ބޯޓު ވެއްޓުނު ވަގުތު ސަލާމަތްވި މީހުން ހިޔާވައްސަކަށް ބޭނުންކުރި ބައި ---
ބޯޓު ވެއްޓުނުކަން އެނގުނުތާ ގަޑިއެއްހާއިރު ފަހުން ޗިލީގެ ރެސްކިއު ޓީމުތަކުން ވަނީ އެ ހާދިސާ ހިނގި ސަރަހައްދު ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އެ ޓީމުތަކަށް ފްލައިޓު ވެއްޓުނު ހިސާބެއް ނުހޯދުނެވެ.
ހާދިސާއިން ސަލާމަތްވި މީހަކު ރޭޑިއޯ ސިގްނަލް ހޯދައިގެން އަޑުއަހަނިކޮށް، ބޯޓު ވެއްޓުނުތާ އެގާރައަށްވީދުވަހު އެނގުނީ، ޗިލީގެ ރެސްކިއު ޓީމުތަކުން ފްލައިޓު ވެއްޓުނު ސަރަހައްދު ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވުމުން އެ މަސައްކަތް ހުއްޓާލި ހިތާމަވެރި ހަބަރެވެ.
މި ހަބަރާއެކު ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައި ތިބި ގިނަ ބަޔަކު މާޔޫސްވިއެވެ. އެއީ، ފްލައިޓު ވެއްޓުނު ވަގުތު މަރުނުވި ނަމަވެސް ދިރިތިބުމަށް އޮތް ގޮންޖެހުންތައް ގިނަވުމެވެ. އެމީހުނަށް ކުރިމަތިވަމުންދިޔަ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި، އައިސްތަކުގެ މަތީގައި ތިބެން ޖެހުމުން އިންތިހާއަށް އިހުސާސްވަމުންދިޔަ ފިނިކަމާއި، ކާއެއްޗެއް ނެތުމުން އިހުސާސްކުރަން ޖެހުނު ބަނޑުހައިހޫނުކަން ހިމެނެއެވެ.
ހާދިސާ ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަނޑުހައިހޫނުކަން އިންތިހާއަށް އިތުރުވިއެވެ. އަދި ކާނެ އިތުރު އެއްޗެއް ނެތުމުން ދިރިތިބި އެންމެން ނިންމީ މަރުވެފައި ތިބި މީހުންގެ މަސް ކެއުމަށެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ކުނިނުވެ އޮތީ، އައިސްތަކުގެ ތެރޭގައި ވަޅުލެވިފައި ތިބުމުންނެވެ. ބިރުވެރި އަދި އުނދަގޫ ކަމަކަށް ވިޔަސް، އެމީހުން ނިންމީ ދިރިތިބުމަށެވެ. ދިރިތިބެން ބޭނުންނަމަ ހަށިގަނޑަށް ހަކަތަ ހޯދަން ޖެހެއެވެ. އަދި އެ ވަގުތަށް އެ ނޫން ގޮތެއް ނެތްކަމަށް އެމީހުން ނިންމިއެވެ.
ހަކަތަ ސަލާމަތް ކުރުމަށް މަޑުމަޑުން ތިއްބައި މަތިންދާ ބޯޓު ވެއްޓުނުތާ 17 ވަނައަށްވީ ދުވަހު އެމީހުނަށް ކުރިމަތިވީ ސްނޯގެ ތޫފާނެކެވެ. އައިސްތަކުގެ މަތީގައި ފިނިހޫނުމިން ގާތްގަނޑަކަށް 30- ޑިގްރީގައި ހުރިއިރު ކުއްލިއަކަށް ފަރުބަދަތައް މަތިން އެމީހުން ތިބިތަނަށް އައިސްތަކެއް ފައިބައިގަނެ، އައިސްތަކުގެ ތެރޭގައި އެންމެން ވަޅުލެވުނެވެ. މި ހާދިސާގައި އިތުރު 8 މީހަކު މަރުވިއެވެ.
ދުވަސްތައް މިގޮތަށް ހޭދަވަމުން ދިޔައިރު، ސަލާމަތްވުމަށް އިތުރު ހިއްވަރެއް ކުރަންޖެހޭކަން އެންމެނަށް އެނގެއެވެ. ނަމަވެސް ކުރާނީ ކޮންކަމެއް ހެއްޔެވެ. މަތިންދާ ބޯޓު ވެއްޓުނީ، މީހުން އުޅޭ ސަރަހައްދުތަކާ އެކަހެރިކޮށް އޮންނަ، ފަރުބަދަތަކެއްގެ މައްޗަށެވެ.
އިތުރު ގޮތެއް ހޯދުމަށް ގަސްތުކޮށް، އެ ހިސާބާ ކައިރިން ވާދީއެއް ހޯދިދާނެކަމުގެ އުއްމީދުގައި، ހާދިސާއަށް 32 ވަނައަށްވީ ދުވަހު، އެ ތަނުން 4 މީހަކު ދަތުރުފެށިއެވެ. ނަމަވެސް މީހުން އުޅޭ ހިސާބެއްގެ ހިލަމެއް ނުވުމުން އެމީހުން ނިންމީ އަނބުރާ އަނބުރާލުމަށެވެ. މި މަސައްކަތުން ލިބުނު ހިއްވަރަކަށްވީ، ދެބައިވި ފްލައިޓުގެ ފަހަތުކޮޅު ފެނުމެވެ. އެމީހުން ގޮސް ބެލިއިރު، އޭގެން ކޮންމެވެސް މިންވަރަކަށް ކާއެއްޗެއްސާއި، ބޭސް އަދި ވާހަކަ ފޮތްތަކެއް ފެނުނެވެ.

ސަލާމަތްވުމަށް ނާންޑޯ ޕަރާޑޯއާއެކު 10 ދުވަސް ވަންދެން ފަރުބަދަތައް ހުރަސްކުރުމަށް ހިނގި ރޮބާޓޯ ކެނޭސާ، ފޮޓޯ: އޭޕީ
އެހީހޯދުމަށް ފުރަތަމަ ނިކުތް ބުރު ނާކާމިޔާބުވިޔަސް، އިތުރު ހިއްވަރަކާއެކު ދެވަނަ ފަހަރަށް ދަތުރު ފެށުމަށް މަޝްވަރާގެ މަތިން ނިންމިއެވެ. އަދި އެހީއެއް ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ، ބޯޓު ވެއްޓުނުތަނުން ހުޅަނގަށް ހުރި ފަރުބަދަތައް ހުރަސްކުރުންކަމަށް ނިންމައި، އެންމެންގެ ހައްގުގައި 3 މީހަކު މި ދަތުރު ފެށިއެވެ. އެމީހުން އަންދާޒާކުރީ އެ ސަރަހައްދާ އެންމެ ކައިރިވާނީ ޗިލީގެ ކުރީޗޯކަމުން، އެ ސަރަހައްދު ހޯދާ އެމީހުންގެ އެހީތެރިކަމާއެކު ބާކީ ތިބި މީހުން ސަލާމަތް ކުރުމަށެވެ. ދަތުރުމަތީގައި ނިދުމަށް އެމީހުން ގެންދިޔައީ މަތިންދާބޯޓުގެ އިންސިއުލޭޝަން ގަނޑެވެ. މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ފިނިން ރައްކާތެރިވުމެވެ.
މި ދަތުރުގައި އެންމެ އިސްކޮށްހުރީ ނޭންޑޯ ޕަރާޑޯ ނަމަކަށް ކިޔާ ޒުވާނެކެވެ. ފްލައިޓު ވެއްޓުނު ހާދިސާގައި އޭނާގެ މަންމަ މަރުވިއިރު، ހާދިސާއިން ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބުމުން، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާގެ ދައްތަ ވެސް ވަނީ މަރުވެފައެވެ.
މި ދަތުރުގައި ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް އެނގެމުންދިޔައީ، ދަތުރު ފެށުމުގެކުރިން ކުރެވުނު އަންދާޒާ ގޯސްކަމެވެ. ފްލައިޓު ވެއްޓިފައި އޮތީ، ހީކުރިވަރަށް ވުރެން މާ ދުރަށެވެ. ފަރުބަދަތަކުގެ ތެރެއަށެވެ. ވަށައިގެން އޮތީ ސްނޯއިން ކަވަރުވެފައިވާ އުސް ފަރުބަދަތަކެވެ. މިކަން އެނގުމުން އެ ތަނުން އެކަކު ނިންމީ އަނބުރާ ދިއުމަށެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން ނިންމީ ހިތްވަރާއެކު ކުރިޔަށް ދިއުމަށެވެ.
އެގޮތުން ޖެހިޖެހިގެން 9 ދުވަސް ވަންދެން އެމީހުން ވަނީ ފަރުބަދަތައް ހުރަސްކުރުމަށް ހިނގާފައެވެ. އެގޮތުން 9 ދުވަސްތެރޭގައި ޖުމްލަ 61 ކިލޯމީޓަރު ހިނގިކަމަށް ވެއެވެ. އެމީހުންގެ މަސައްކަތް ގޮސް ނިމުނީ ވާދީއަކަށެވެ. ފްލައިޓު ވެއްޓުނުތާ 72 ދުވަސްވީއިރު ވެސް، ސަލާމަތްކުރަން އަންނާނެކަމުގެ އުއްމީދުގައި ބަޔަކު ތިބިކަމަށް ހަބަރު ފޯރުކޮށްދެވުނީ އެ ހިސާބުންނެވެ.

އެންޑީޒް ފަރުބަދަތައް މައްޗަށް ވެއްޓުނު މަތިންދާ ބޯޓުން ސަލާމަތްވި މީހުން ޗިލީ އެއާރ ފޯސްއިން ބަލާ ދިޔުމުން، އެ މީހުން ހެލިކޮޕްޓަރަށް ހަނާއަޅާ މަންޒަރު ---
އެއާއެކު ޗިލީ އެއާރ ފޯސްގެ ދެ ހެލިކޮޕްޓަރުގައި ގޮސް، ފުރަތަމަ ދުވަހު ވަނީ ސަލާމަތުން ތިބި މީހުންގެ ތެރެއިން ދެބައިކުޅައެއްބައި މީހުން ސަލާމަތްކޮށްފައެވެ. އަދި ބާކީ ތިބި މީހުން ސަލާމަތްކުރީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.
މި ހާދިސާގައި ޖުމްލަ 29 މީހުން މަރުވެފައިވާއިރު، 16 މީހަކު ވަނީ ސަލާމަތްވެފައެވެ.