ދުނިޔެ

އެމެރިކާގެ އެހީގެ ޕްލޭން ފެށުނީއްސުރެ 300 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ

އެމެރިކާގެ އެހީގެ ޕްލޭން ފެށުނީއްސުރެ 300 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ

އެހީބަހާ ސަރަހައްދަކަށް އެއްވެތިބި މީހުންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 09:24

15 ޖޫން 2025، 09:24

އެމެރިކާގެ އެހީގެ ޕްލޭން ފެށުނީއްސުރެ 300 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެކަމަށް ފަލަސްތީނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އެކި ސަރަހައްދުތަކުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި، މީގެ ތެރޭގައި އެހީ ހޯދުމަށް ދިޔަ ފަރާތްތަކުގެ ތެރެއިން ޝަހީދުވި މީހުންގެ އަދަދު 300 އަށް އަރާފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި، މިއަދު ފަތިހުން ފެށިގެން 37 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން 17 މީހުން ޝަހީދުވެފައިވަނީ އިޒްރޭލް އޮކިއުޕޭޝަން ފޯސްގެ ހަމަލާތަކުގައި އެހީ ހޯދުމަށް ދިޔަ ތަނުގައެވެ.

އަލްޖަޒީރާއަށް ލިބިފައިވާ ހާއްސަ މަންޒަރުތަކުން ފެންނަ ގޮތުގައި، ޣައްޒާގެ ދެކުނުގައިވާ ރަފާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުންނަ އެމެރިކަން ކުންފުންޏެއްގެ އެހީ ބެހުމުގެ ނުކުތާއެއްގައި އެހީ ލިބުމަށް މަޑުކޮށްގެން ތިބި ފަރާތްތަކުގެ ތެރެއިން 4 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. 

އެމްބިއުލާންސްތަކުން ވަނީ ޒަހަމްވި ފަރާތްތައް ނާސިރު މެޑިކަލް ކޮމްޕްލެކްސް އަދި ޚާން ޔޫނިސްގެ ހުޅަނގުގައިވާ މަވާސީ ސަރަހައްދުގެ އެހެނިހެން ފީލްޑް ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 65 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 މީހުންގެ ހަށިގަނޑު ސަލާމަތްކުރުމުގެ މަސައްކަތުގައި ޝަހީދުވި މީހުންނެވެ. އަދި 315 މީހުން ޒަހަމްވެފައިވެއެވެ. މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރިޔަށްގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 55,362 އަށް އަރާފައިވާއިރު، 128,741 މީހުން ޒަހަމްވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS