ދުނިޔެ
އިންޑިއާގެ އުއްތަރާކަންދު ސްޓޭޓުގައި ހެލިކޮޕްޓަރެއް ވެއްޓި 7 މީހުން މަރުވެއްޖެ

ހެލިކޮްޕްޓަރު ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު
އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރާކަންދު ސްޓޭޓުގައި ހިންދޫ ޒިޔާރަތްތެރިންތަކެއް އުފުލަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ދެ އަހަރުގެ ކުޑަކުއްޖަކާއެކު 7 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހިމާލަޔާ ފަރުބަދަ ސަރަހައްދުގައެވެ.
އުއްތަރާކަންދު ސިވިލް އޭވިއޭޝަން ޑިވެލޮޕްމަންޓް އޮތޯރިޓީން މައުލޫމާތު ދިންގޮތުގައި، މި ހެލިކޮޕްޓަރު ވަނީ އިރުއަރާ 5:30 ހާއިރު ކެދަރްނާތު ޓެމްޕަލް ޓައުންއިން ގުޕްތްކާޝީއަށް ދަތުރުކުރަން ފުރާފައެވެ. ނަމަވެސް ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ވެއްޓިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޕައިލެޓް ކެޕްޓަން ރާޖްވީރް ސިންގް ޗައުހާން އަދި ފަސިންޖަރުންގެ ގޮތުގައި ދަތުރުކުރި ވިކްރަމް ރަވަތް، ވިނޯދް ދޭވީ، ތްރިޝްތީ ސިންގް، ރާޖްކުމާރް ޖައިސްވާލް، އޭނާގެ އަންހެނުން ޝްރައްދާ ޖައިސްވާލް އަދި އެމީހުންގެ ދެ އަހަރުގެ ދަރިފުޅު ކާޝީއެވެ.
އޮތޯރިޓީތަކުން ބުނާގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ވަނީ ހެލިކޮޕްޓަރަށް އަލިފާން ރޯވުމާ ގުޅިގެން އަނދައިގެން ގޮސްފައެވެ. އުއްތަރާކަންދުގެ ސްޓޭޓް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއިން ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެކަހެރި، ބޯކޮށް ގަސްއަޅާފައިވާ ސަރަހައްދެއްގައެވެ. އަދި މިވަގުތު ލޯކަލް ފުލުހުންނާއެކު ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
މި ސަރަހައްދަކީ ކުއްލިއަކަށް މޫސުން ބަދަލުވެ، އުސްމިނުގައި ދަތުރުކުރުމުގެ ނުރައްކާތެރިކަން ބޮޑު ސަރަހައްދެކެވެ. އިންޑިއާ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ހިނގާފައިވާ މިފަދަ ފަސްވަނަ ހާދިސާއެވެ.