ޚަބަރު
ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސް: މެޓް

ވިއްސާރަ ދުވަހަކު މާލޭގެ ތެރެއިން/ފޮޓޯ: ރާއްޖެ އެމްވީ
ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 4-2 ފޫޓު އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެކަމަށް މެޓުން ވިދާޅުވެއެވެ.
ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިހާރު މިކުރާ ވިއްސާރަ އަންގާރަ ދުވަހުން ފެށިގެން އަލިކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.