Ads by Stelco

ޚަބަރު

އަހަރުގެ ފުރަތަމަ ކުއާޓާގައި ޒަކާތު ހައުސްއިން ޖުމްލަ 370 މީހުންނަށް އެހީ ފޯރުކޮށްދީފި

އަހަރުގެ ފުރަތަމަ ކުއާޓާގައި ޒަކާތު ހައުސްއިން ޖުމްލަ 370 މީހުންނަށް އެހީ ފޯރުކޮށްދީފި

ޒަކާތު ހައުސް އިފްތިތާޙުކުރުމުގެ ޖަލްސާގެ ތެރެއިން/ފޮޓޯ: ވިކިޕީޑިއާ ކޮމަންސް

14 ޖޫން 2025، 01:06

މި އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވްސް ޒަކާތު ހައުސްއިން ޖުމްލަ 370 މީހުންނަށް އެކި ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ، މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ، މާޗް، އަދި އޭޕްރީލް މަހުގެ ތަފާސްހިސާބުތައް ޢާންމުކޮށްފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ޒަކާތު ފަންޑުން ޖުމްލަ 370 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި މުއްދަތުގައި ފަޤީރުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު ޒަކާތު ފަންޑުން ޖުމްލަ 102 މީހަކަށް ބޭސްފަރުވާގެ އެހީ ވަނީ ހަމަޖައްސަވައި ދެއްވާފައެވެ. އަދި މި މީހުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ޚަރަދުކުރި ޢަދަދު 761،287.50 ރުފިޔާ އަށް އަރާކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. އަދި ޒަކާތު ފަންޑުން ފެބްރުއަރީ މަހު 89 މީހަކަށް ބޭސްފަރުވާގެ އެހީ ހަމަޖައްސާފައިވާއިރު، މިމަހު އެހީއަށް ހޭދަކޮށްފައި ވަނީ 759،128 ރުފިޔާއެވެ.

މީގެ އިތުރުން، މި އަހަރުގެ މާޗް މަހު ޖުމްލަ 68 މީހެއްގެ ބޭސް ފަރުވާއަށް 847،278.50 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހަމަަ އެހެންމެ، އޭޕްރީލް މަހު ޒަކާތް ފަންޑުން ޖުމްލަ 1.7 މިލިއަން ރުފިޔާ ބޭސް ފަރުވާއަށް ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް، އޭގެ ތެރެއިން އެހީގެ ގޮތުގައި 111 މީހަކަށް 1،142،696.29 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ފަންޑުން މައިގަނޑު ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެނީ، ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި، ކެންސަރު ބަލި، ފުއްޕާމޭގެ ބަލިތައް، ހިތުގެ ބަލިތައް، ކިޑްނީގެ ބަލިތައް، ސިކުނޑީގެ ބަލިތައް، ޓްރާންސްޕްލާންޓް އަދި އެހެނިހެން ބަލިތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS