ދުނިޔެ

ވެއްޓުނު އެއަރ އިންޑިއާގެ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާއާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވައިފި، ހާދިސާ ތަހުޤީޤުކުރަނީ

ވެއްޓުނު އެއަރ އިންޑިއާގެ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާއާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވައިފި، ހާދިސާ ތަހުޤީޤުކުރަނީ

ވެއްޓުނު މަތިންދާބޯޓު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2025، 04:37

13 ޖޫން 2025، 04:37

ވެއްޓުނު އެއަރ އިންޑިއާގެ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވައިފިއެވެ. 

އެއަރ އިންޑިއާގެ މި ބޯޓު ވެއްޓުނު ހާދިސާއަކީ އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ އެންމެ ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. މިހާދިސާގައި 241 މީހުން މަރުވެފައިވެއެވެ. ބޯޓު ވެއްޓުނު ސަރަހައްދު މިވަގުތު ތަހުޤީޤު ކުރަމުންދާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހާދިސާއިން ސަލާމަތްވެ ދިރި ހުރި ހަމައެކަނި މީހާއާ ބައްދަލުކުރައްވާފައެވެ.

ބުރާސްފަތި ދުވަހު އަހުމަދާބާދުން ލަންޑަންގެ ގެޓްވިކް އެއަރޕޯޓަށް ދަތުރުކުރި އެއަރ އިންޑިއާގެ ބޯއިންގ 787-8 ޑްރީމްލައިނާ ވަނީ ވައިގެތެރެއިން ވެއްޓި، މެޑިކަލް ކޮލެޖެއްގެ ހޮސްޓަލްއަކަށް އަރާފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަތިންދާބޯޓުގައި ތިބި މީހުންނާއި، ބޯޓު ވެއްޓުނު ސަރަަހައްދުގައި ތިބި ބައެއް މީހުންވެސް ހިމެނެއެވެ. 

ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ އޮފިޝަލެއް ބުނި ގޮތުގައި މިހާތަނަށް 81 ހަށިގަނޑު ވަނީ ނަގާފައެވެ. އަދި މަތިންދާބޯޓުގެ ބްލެކް ބޮކްސްގެ ތެރެއިން އެއް ބްލެކް ބޮކްސް ވެސް ވަނީ ފެނިފައެވެ. މިހާރު މަސައްކަތް ކުރަމުންދަނީ އަނެއް ބްލެކް ބޮކްސް ހޯދުމަށާއި، މަތިންދާބޯޓުގެ އެހެނިހެން ބައިތައް ހޯދުމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު އޭނާގެ އަމިއްލަ ސްޓޭޓް ކަމަށްވާ ގުޖުރާތަށް ވަޑައިގެން، ރެސްކިއު އޮފިޝަލުންނާއި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ބައެއް މީހުންނާ ބައްދަލުކުރެއްވިއެވެ. "މި ހާދިސާގެ ހިތާމަވެރިކަން ވަރަށް ބޮޑު" މޯދީ އެކްސް ގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި ސަލާމަތްވި ހަމައެކަނިމީހާ، ވިޝްވަޝްކުމާރު ރަމޭޝް، އިންޑިއާގެ ނޭޝަނަލް ބްރޯޑްކާސްޓަރަށް ދެއްކި ވާހަކައިގައި ބުނި ގޮތުން، މަތިންދާބޯޓު ވައިގެތެރެއަށް އެރުމަށްފަހު ވަގުތުން ހުއްޓުމެއް އައިސް، ލައިޓްތައް ދިއްލި، އޭގެ ފަހުން މަތިންދާބޯޓު އަވަސްވެގެން ދިޔަ ނަމަވެސް، އުދުހޭ ވަރުގެ އުސްމިނަކަށް ނުދެވި ވެއްޓުނު ކަމަށް ބުންޏެވެ.

މި ހާދިސާއަކީ 2011 ވަނަ އަހަރު ޑްރީމްލައިނާ ވައިގެ ދަތުރުތައް ފެށި ފަހުން، މީހަކު މަރުވެފައިވާ ފުރަތަމަ ހާދިސާއެވެ. ބޯއިންގއިން ބުނި ގޮތުގައި މި ހާދިސާ ތަހުޤީޤު ކުރުމަށް އެ ކުންފުނީގެ ތަޖުރިބާކާރުން ފޮނުވަން ތައްޔާރަށް ތިބި ކަމަށް ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS