ޚަބަރު
މާލޭގައި ހުންނަ "ޕަރާއޯ" ފިހާރައިން ފައިސާ ފޭރުނު މީހާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

ދައުވާކޮށްދިނުމަށް އެދި ފޮނުވި މީހާ/ފޮޓޯ: ފުލުހުން
މާލޭގައި ހުންނަ "ޕަރާއޯ" ފިހާރައިން ފައިސާ ފޭރުނު މީހާގެ ތަހުޤީގު ނިންމާ، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ 15:13 އެހާކަންހާއިރު މީހަކު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުޤީގު ނިންމާ އޭނާގެ މައްޗަށް ދައުވާކުރުމަށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި މައްސަލައާއި ގުޅިގެން ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށްކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އަދި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނިމިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މީހާއަކީ މީގެކުރިން ވެސް ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.