ދުނިޔެ
އެމެރިކާގެ އެހީގައި ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ 5 މުވައްޒަފުން ހަމަލާއެއްގައި ޝަހީދުވެއްޖެ

އެހީގެ ތަކެތި ބަހާ މަރުކަޒެއް
އދ. ގެ އެހީތެރިކަން މެދުކެނޑުމާ ގުޅިގެން އެމެރިކާ އާއި އިޒްރާއީލްގެ އެހީގައި ގާއިމްކުރެވުނު ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ 5 މުވައްޒަފުން ހަމަލާއެއްގައި ޝަހީދުވެ، އިތުރު މުވައްޒަފުންތަކަކަށް އަނިޔާވެއްޖެއެވެ.
މިހަމަލާއަކީ ހަމާސްއިން ދިން ހަމަލާއެއްކަަމަށް އެފައުންޑޭޝަނުން ބުނެފައިވެއެވެ.
ބުދަ ދުވަހުގެ ރޭ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާން ޔޫނިސްގެ ހުޅަނގު ސަރަހައްދުގައި ހުރި ކާބޯތަކެތި ބެހުމުގެ މަރުކަޒަކަށް ދަތުރުކުރަމުންދިޔަ 25 އަށްވުރެ ގިނަ ފަލަސްތީނު މުވައްޒަފުން އުފުލަމުންދިޔަ ބަހަކަށް "އަނިޔާވެރި ހަމަލާއެއް" ދީފައިވާ ކަމަށެވެ. އަދި ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވާކަމުގެ ބިރު އޮތް ކަމަށްވެސް ބުނެފައިވެއެވެ.
"މިއީ ވަރަށް ނުބައި، ގަސްތުގައި ދިން ހަމަލާއެއް. މިއީ އެހީތެރިވުމަށް މަސައްކަތްކުރާ މީހުން. އެހެން މީހުންނަށް އެހީތެރިވުމަށް އެމީހުންގެ ފުރާނަ ހުށަހަޅާ އިންސާނިއްޔަތަށް ޚިދުމަތްކުރާ އަޚުން، ދަރިން އަދި ރަހުމަތްތެރިން،" ފައުންޑޭޝަނުން ބުނެފައިވެއެވެ.
މޭ 27 ގައި މަސައްކަތް ފެށި މި ފައުންޑޭޝަނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 2016 ގެ އިންތިޚާބީ ކެމްޕޭނުގައި ލަފާދިން އިވެންޖެލިކަލް ކްރިސްޓިއަން ޖޮނީ މޫރް އިސްކޮށް ހުރި ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ އަސާސީ އިންސާނީ މިންގަނޑުތަކާއި އިޒްރާއީލުން މިނިވަންކަން ނެތް ކަމަށް ބުނެ އދ. އާއި އެހެނިހެން އެހީގެ ޖަމާއަތްތަކުން ބައިކޮޓްކޮށްފައިވާ ޖަމިއްޔާއެކެވެ.
ފައުންޑޭޝަނުގެ އެހީ ބެހުމުގެ މަރުކަޒުތަކާ ކައިރިން އިޒްރާއީލުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ބުދަ ދުވަހު އެހީ ހޯދަން އުޅުނު 57 މީހުން ޝަހީދުވެ، 363 މީހުންނަށް އަނިޔާވެފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. ފައުންޑޭޝަން މަސައްކަތް ފެށި ފަހުން އެހީ ހޯދަން ގޮސްތިބި 220 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ.