ކުޅިވަރު

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓްރެކް އެންޑް ފީލްޑު ޓީމުން ފުރައިފި

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓްރެކް އެންޑް ފީލްޑު ޓީމުން ފުރައިފި

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމަށްދާ ޓްރެކް އެންޑް ފީލްޑުގެ އެތުލީޓުން ---

11 ޖޫން 2025، 10:04

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓްރެކް އެންޑް ފީލްޑުގެ 19 އެތުލީޓުން މިއަދު ފުރައިފިއެވެ. 

އެ ޓީމު މުބާރާތަށް ފުރާފައި މިވަނީ މަހެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހުއެވެ. 

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ފަސް ކެޓަގަރީއަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 16 އަހަރުންދަށް، 18 އަހަރުންދަށް، 19 އަހަރުންދަށް އަދި 20 އަހަރުންދަށުގެ އިތުރުން 23 އަހަރުންދަށުގެ އުމުރުފުރާގައެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން (ޓީއެންއެފްއޭ)ގެ ރައީސް ޢަބްދުﷲ އިބްރާހިމް (އަބުޅޮ) ވިދާޅުވީ، އެ ބޭފުޅުން މަސައްކަތްކުރަމުން އަންނަނީ ދުރުރާސްތަ ޕްލޭނެއްގެ ދަށުންނެވެ. އަދި މިފަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ އެއް މަގުސަދަކީ އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގެ އެކްސްޕީރިއެންސް ހޯދައިދިނުންކަމަށެވެ.

ބައިނަލް އަގްވާމީ މުބާރާތެއް މި މުބާރާތަކީ. އެހެންވީމަ މުބާރާތުގައި ވާދަކޮށްލުމުގެ އެކްސްޕީރިއަންސު ކުދިންނަށް ދޭން މިގެންދަނީ ގިނަ ކުދިން. އެކަމު ބައެއް ކުދިންނަށް ހުންނާނެ ޓާގެޓްސްދީފަ. މެޑަލް ހޯދުމުގެ ޓާގެޓްސް، ދެން ތިބި ކުދިންނަށް ހުންނާނީ އެކުދިންގެ ޕާސަނަލް ބެސްޓު ނޫނިއްޔާ ފައިނަލަށް ރީޗްވާވަރުކޮސްލުމުގެ ޓާގެޓްސްދީފަ.

ޢަބްދުﷲ ވިދާޅުވިއެވެ.

ޓްރެކް އެންޑް ފީލްޑުން ވަނީ މީގެ ކުރިންވެސް މި މުބާރާތުގައި ވާދަކޮށް ރިހި މެޑައްޔެއް ގެނެސްފައެވެ. އެހެންކަމުން މި އަހަރުގެ އުންމީދަކީ އިތުރު މެޑަލްތަކެއް ހޯދުންކަމަށާ، މި ކާމިޔާބީ ހޯދުމަށް އެތުލީޓުންނާއި، ބެލެނިވެރިން އަދި ކޯޗުން މަސައްކަތްކުރަމުން އަންނަކަމަށް ޢަބްދުﷲ ފާހަގަކުރެއްވިއެވެ.

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު ކުރިއަށްދާނީ މިމަހުގެ 13-15އަށް ސްރީލަންކާގެ މަޝްހޫރު ދިޔަގަމަ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS