ދުނިޔެ
ނާސިރު ހޮސްޕިޓަލަށް އިޒްރާއީލުން ވޭތުވެދިޔަ 6 ހަފްތާގައި ތަކުރާރުކޮށް ހަމަލާދީފި: އެމްއެސްއެފް

ނާސިރް ހޮސްޕިޓަލަށް އިޒްރާއިލްގެ ހަމަލާއެއް އަރައިފައި
ޣައްޒާގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އިޒްރާއިލުން ވޭތުވެދިޔަ 6 ހަފްތާގައި ތަކުރާރުކޮށް ހަމަލާދީފައިވާކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) ގެ އިމަޖެންސީ ކޯޑިނޭޓަރ، ކްލެއަރ މަނޭރާ ވިދާޅުވެއްޖެއެވެ.
މަނޭރާ ވިދާޅުވެފައިވަނީ ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ނާސިރް ހޮސްޕިޓަލް ސަރަހައްދަށް އިޒްރާއީލުން ދެމުންދާ ވައިގެ ހަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
ދީރުލް ބަލަހް ސިޓީގައި ހުންނަ ފީލްޑް ހޮސްޕިޓަލެއްގައި ހުންނަވައި އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މަނޭރާ ވިދާޅުވީ، ހަމައެކަނި ހޯމަ ދުވަހު ވެސް، އޮޕަރޭޝަން ތިއޭޓަރާއި އައިޕީޑީ ސެކްޝަންތަކުގެ ފުރާޅަށް ގެއްލުން ލިބޭ ގޮތަށް ވައިގެ ހަމަލާއެއް ދީފައިވާކަމަށެވެ. އަދި ކްރިޓިކަލް ބަލިމީހުން ތިބޭ އިންޕޭޝަންޓް ޑިޕާޓްމަންޓުގެ ކުޑަދޮރުތައް ވެސް ތަޅައިލާފައިވާ ކަމަށާއި އެހެންކަމުން މި ހާލަތުގައި މަސައްކަތް ކުރިއަށް ގެންދިއުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ.
މަނޭރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިޒްރާއީލުން އެއްވެސް އިންޒާރެއް ނެތި ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ފަށާފައިވާތީ، އެ މެޑިކަލް ފެސިލިޓީއަށް ސީދާ ހަމަލާއެއް ދޭނެކަމުގެ ކަންބޮޑުވުން ކޮންމެ ދުވަހަކު ވެސް އޮވެއެވެ.
އަޅުގަނޑު އެތަނުގައި މިހޭދަކުރި ފާއިތުވި 6 ހަފްތާގެ ތެރޭގައި ވެސް ނާސިރު ހޮސްޕިޓަލަށް މަދުވެގެން 3 ނުވަތަ 4 ފަހަރު ހަމަލާދީފައިވޭ. އަދި އެތަން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮންނާނެކަން އަޅުގަނޑުމެންނަކަށް ޔަގީނެއް ނުކުރެވޭ.
އެމްއެސްއެފްގެ އިމަޖެންސީ ކޯޑިނޭޓަރ ވިދާޅުވިއެވެ.
އިޒްރާއިލްގެ ހަމަލާތަކުގައި ޣައްޒާގެ މުޅި މެޑިކަލް ސިސްޓަމް ފުނޑުފުނޑުވެފައިވާއިރު ޒަޚަމްވާ މީހުންގެ ޢަދަދުތައް ދަނީ މައްޗަށެެވެ. ފަރުވާދެވޭނެ ފަދަ ނެތިގެން ޝަހީދުވާ މީހުންގެ ޢަދަދުވެސް މަދެއްނޫނެވެ.