ދުނިޔެ
ޣައްޒާގައި އެހީ ހޯދަން ގޮސް ތިބި ގިނަ ބަޔަކު ޝަހީދުކޮށްލައިފި

ޝަހީދެއްގެ ހަށިގަނޑު އުފުލަނީ
ޣައްޒާގައި އެހީ ހޯދަން ގޮސް ތިބި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.
މެޑިކަލް ސޯސަސްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 35 މީހަކު ޝަހީދުވެފައިވާއިރު، މީގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެފައިވަނީ އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ތިއްބައެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން ހާމަކުރި ގޮތުގައި ޣައްޒާ ސިޓީގެ ދެކުނުގައި ހުންނަ ނަތްސަރިމް ސަރަހައްދުގައި އެހީ ހޯދަން މަޑުކޮށްގެން ތިބި 25 މީހުން ވަނީ އިޒްރާއީލް ސިފައިންގެ ހަމަލާގައި ޝަހީދުވެފައިކަމަށެވެ.
މިއީ އެމެރިކާ-އިޒްރާއީލް އެހީ ބެހުމުގެ މަރުކަޒުތަކުގައި ކާބޯތަކެތި ހޯދަން އުޅުނު މީހުންނަށް ދިން އަނިޔާވެރި ހަމަލާއެކެވެ.
އަލް-އަޤްސާ ޝުހަދާ ހޮސްޕިޓަލްގެ ޑިރެކްޓަރު ހާމަކުރި ގޮތުގައި ދެއިރުލް ބަލަހް ސަރަހައްދުގެ އެއް ގެއަކަށް އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 8 ފަލަސްޠީނުން ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެއެވެ.
މީގެ އިތުރުން، އަލް-އައުދާ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ރޭ ފަތިހު ސަލާހުއްދީން މަގުމަތީގައި އިންސާނީ އެހީ ހޯދަން އެއްވެ ތިބި ބަޔަކަށް އިޒްރާއީލް ސިފައިން ދިން ހަމަލާގައި 4 މީހުން ޝަހީދުވެ، 90 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ޣައްޒާގެ ދެކުނުގައި، ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އަލް-ޤަރާރާ ރަށުގެ މަވާސީ ސަރަހައްދުގައި ހުރި ހިޔާވަހިކަމުގެ ޓެންޓަކަށް އިޒްރާއީލްގެ ޑްރޯނަކުން ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވެފައިވާ ކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ހާމަކުރިއެވެ. އަދި މިއަދު ހެނދުނު ހާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ވަށައިގެންވާ ސަރަހައްދުތަކަށް އިޒްރާއީލްގެ މަތިންދާބޯޓުތަކުން ގަދަފަދަ ހަމަލާތަކެއް ދީފައިވެއެވެ.
އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 181,000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މިހާތަނަށް ޝަހީދުވެ ޒަޚަމްވެފައިވާއިރު އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އަދި 11,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވެއެވެ. މީގެ އިތުރުން އެތައް ހާސްބަޔަކު އަމިއްލަ ގެދޮރުދޫކޮށް އެހެން ތަންތަނަށް ބަދަލުވެފައިވެއެވެ.