ދުނިޔެ
ޣައްޒާއަށް އެހީ ހިފައިގެން ދިޔަ "މަދްލީން"ގެ ފަޅުވެރިން ޑީޕޯޓުކޮށްލުމަށް އެއަރޕޯޓަށް ގެންދަނީ

މަދްލީން އިޒްރާއިލްގެ ބަނދަރެއްގައި
ޣައްޒާއަށް އެހީ ހިފައިގެން ދިޔަ "މަދްލީން" ގެ ފަޅުވެރިން ޑީޕޯޓުކޮށްލުމަށް އެއަރޕޯޓަށް ގެންދާކަމަށް އިޒްރާއިލްގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިޒްރާއީލްގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ "މަދްލިން" ގައި ތިބި އެކްޓިވިސްޓުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމަށްޓަކައި ބެން ގޫރިއަން އެއަރޕޯޓަށް ގެންދާކަމަށެވެ. މިއީ އިޒްރާއީލްގެ ސިފައިން އެ އުޅަނދު ހިފައި، އަޝްދޯދް ބަނދަރަށް ގެންދިއުމަށްފަހު އަޅާފައިވާ ފިޔަވަޅެކެވެ.
އިޒްރާއީލްގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޑިޕޯޓޭޝަންގެ ޝަރުތުތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން އިންކާރުކުރާ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް، އެމީހުން ޑިޕޯޓްކުރުމުގެ އަމުރު ނެރެދެވޭނެ ކަމަށެވެ.
"މަދްލިން"އަކީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އިޒްރާއީލުން އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރި އުޅަނދެކެވެ. އިޒްރާއީލްގެ ކޮމާންޑޯ ބާރުތަކުން އިއްޔެ ފަތިހު މި އުޅަނދު ހިފާފައިވަނީ އޭގައި 12 ފަޅުވެރިން ތިއްބައެވެ. މި މީހުންނަކީ ފްރީޑަމް ފްލޯޓިލާގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ގެންދިއުމަށް މަސައްކަތްކުރި ބައެކެވެ.
އިޒްރާއީލްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރ ބެން-ގްވިރް ވަނީ ޕްރިޒަން ސަރވިސްއަށް އަންގާފައިވަނީ އެކްޓިވިސްޓުން ބަންދުކުރެވޭ ގޮޅިތަކަށް އެއްވެސް މުވާސަލާތީ ނުވަތަ މީޑިއާ ވަސީލަތެއް ވެއްދުން މަނާކުރުމަށެވެ.
އިޒްރާއީލްގެ ސަރުކާރުގެ ސްޕޯކްސްޕަރސަން ޑޭވިޑް މެންސަރ ބުނެފައިވަނީ އޭގެން އެއްވެސް އެކްޓިވިސްޓަކަށް އެއްވެސް އަނިޔާއެއް ނުވެ، އުޅަނދު ހިފުމުގެ މަސައްކަތް ވަރަށް އޮމާންކޮށް ކުރިއަށް ގެންދެވުނު ކަމަށާއި، އުޅަނދުގައި ތިބި މީހުން ވީ އެންމެ އަވަހަކަށް އެމީހުންގެ އާއިލާތަކާ ހަވާލުކުރެވޭނެ ކަމަށެވެ.