ދުނިޔެ
އިންޑިއާއެކު ހިނގި ހަމަނުޖެހުމަށްފަހު ޕާކިސްތާނުން ދިފާއީ ޚަރަދުތައް އިތުރުކުރަން ނިންމައިފި

ޕާކިސްތާންގެ ސިފައިން ---
އިންޑިއާއެކު ހިނގި ހަމަނުޖެހުމަށްފަހު ޕާކިސްތާނުގެ ދިފާއީ ހަރަދުތައް އިތުރުކުރަން ނިންމައިފިއެވެ.
ޕާކިސްތާނުން މިއަދު އިއުލާނުކުރަން ނިންމާފައިވާ އާ މާލީ އަހަރުގެ ބަޖެޓުގައި، ވޭތުވެދިޔަ މަހު އިންޑިއާއެކު ހިނގި ހަމަނުޖެހުމާ ގުޅިގެން ދިފާއީ ހަރަދުތައް އިތުރުކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މި ބަޖެޓަކީ ގައުމުގެ ތަރައްގީ އާއި ދިފާއީ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލެވޭ ބަޖެޓެކެވެ.
މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި، ޖުލައި 1 އިން ފެށޭ އާ މާލީ އަހަރަށް 17.6 ޓްރިލިއަން ރުޕީސް (62.45 ބިލިއަން ޑޮލަރު) ގެ ބަޖެޓެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މިއީ މި ހިނގާ މާލީ އަހަރުގެ ބަޖެޓަށްވުރެ 6.7 އިންސައްތަ ދަށް އަދަދެކެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މާލީ ދަރަނި ހުންނާނީ ޖީޑީޕީގެ 4.8 އިންސައްތައިގައެވެ.
އެނަލިސްޓުން ލަފާކުރާ ގޮތުގައި ދިފާއީ ބަޖެޓު 20 އިންސައްތައިން އިތުރުވާނެއެވެ. މި ހިނގާ މާލީ އަހަރު ދިފާއީ ބަޖެޓުގެ ގޮތުގައި 2.1 ޓްރިލިއަން ރުޕީސް (7.45 ބިލިއަން ޑޮލަރު) ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި 2 ބިލިއަން ޑޮލަރު ހިމެނެނީ އާ އިކުއިޕްމަންޓް އަދި އެހެނިހެން އެސެޓްތަކަށެވެ.
އިކޮނޮމިކް ސާރވޭއިން ދައްކާ ގޮތުގައި، ޖޫން 2025 ގައި ނިމޭ މާލީ އަހަރު ޕާކިސްތާނުގެ އިޤްތިސާދު 2.7 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ 2.5 އިންސައްތައާ އަޅާބަލާއިރު ކުޑަ ކުރިއެރުމެކެވެ.
ބަޖެޓާ ބެހޭގޮތުން މިނިސްޓަރ އޮފް ފިނޭންސް މުހައްމަދު އޮރަންޒެބް ވިދާޅުވީ، އިޤްތިސާދު އަވަސް ދުވެލީގައި ކުރިއަރައިގެން ދިއުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އެއީ މާޒީގައި އެފަދަ ހާލަތްތަކުގައި އިމްޕޯޓް ތަކެތި ބޮޑުތަނުން އިތުރުވެފައިވާތީއެވެ.