ދުނިޔެ

އިންޑިއާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެނީ، ފާއިތުވި 24 ގަޑިއިރުތެރޭގައި 6 މަރު

އިންޑިއާގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެނީ، ފާއިތުވި 24 ގަޑިއިރުތެރޭގައި 6 މަރު

އިންޑިއާގެ ހޮސްޕިޓަލެއްގައި ކޮވިޑް ޓެސްޓު ހަދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2025، 02:59

10 ޖޫން 2025، 02:59

އަވަށްޓެރި އިންޑިއާގައި ކޮވިޑް 19 ހަލުވިކަމާއި އެކު ފެތުރެމުންދާ ކަމަށާއި ފާއިތުވި 24 ގަޑިއިރުތެރޭގައި 6 މީހަކު މިބަލީގައި މަރުވެފައިވާކަމަށް އިންޑިއާގެ މީޑިއާ ތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، އެ ޤައުމުގައި ކޮވިޑް-19 ގެ ހާލަތު އަލުން ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހެނދުނު 8:00 އާ ހަމައަށް އެ ޤައުމުގައި 6،815 އެކްޓިވް ކޭސް ވަނީ ރިޕޯޓްކުރެވިފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 324 އައު ކޭސް ވަނީ ފެނިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 6 މަރު ވަނީ ރިޕޯޓްކުރެވިފައެވެ. މިގޮތުން ދިއްލީ، ކެރަލާ އަދި ޖާރްކަންޑުން މަރުތައް ވަނީ ރިޕޯޓްކުރެވިފައެވެ. އެންމެ ގިނަ އެކްޓިވް ކޭސްތައް ރިޕޯޓްކުރެވިފައިވަނީ ކެރަލާ ސްޓޭޓުންނެވެ. އެ ސްޓޭޓުގައި މިވަގުތު 2،053 އެކްޓިވް ކޭސް ވާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 96 އައު ކޭސް ވަނީ ފެނިފައެވެ.

މިހާރު އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދަނީ އޮމިކްރޮން ވައިރަހުގެ އައު ސަބް-ވޭރިއަންޓްތަކުގެ ސަބަބުން ކަމަށް ސައިންޓިސްޓުން ފާހަގަކުރެއެވެ. މިގޮތުން ޖޭއެން.1، އެންބީ.1.8.1، އެލްއެފް.7 އަދި އެކްސްއެފްސީ ވޭރިއަންޓްތައް ހިމެނެއެވެ. މި ވޭރިއަންޓްތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ނަމަވެސް، މާ ބޮޑެތި އަލާމާތްތަކެއް ނުދައްކާ ވޭރިއަންޓްތަކެއް ކަމަށް ވެއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މި ވޭރިއަންޓްތައް ވަނީ "ވޭރިއަންޓްސް އަންޑަރ މޮނިޓަރިންގ" ގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ އަދި މާ ބޮޑަށް ކަންބޮޑުވާންޖެހޭ ވޭރިއަންޓްތަކެއް ނޫން ނަމަވެސް، ފަރުވާތެރިވާންޖެހޭ ވޭރިއަންޓްތަކެއް ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި މިއަދާ ހަމައަށް 783 ބަލިމީހުން ވަނީ ފަރުވާ ލިބިގެން ރަނގަޅުވެފައެވެ. އަދި ކޮވިޑް-19 އަކީ މިހާރު ކުރިއާ ޚިލާފަށް ފްލޫގެ ބައްޔެއްގެ ގޮތުގައި ބެލެވޭ، އާންމު ބައްޔަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS