ދުނިޔެ
ޣައްޒާގެ އެހީގެ ތަކެތި ބަހާ މަރުކަޒުތައް، މަރުގެ ދަންތުރަތަކެއް

އެހިގެ ތަކެތި ބަލައިގޮސް ހުއްޓައި ޝަހީދުކޮށްލެވުނު މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވެނީ
ޣައްޒާގައި ހިންގާ ފަލަސްތީނު މެޑިކަލް ރިލީފް ސޮސައިޓީގެ އޮފިޝަލެއް ކަމުގައިވާ އަދީ ދަބޫރު ވިދާޅުވެފައިވަނީ އެހީގެ ތަކެތި ބަހާ މަރުކަޒުތައް މިހާރު ވެފައިވަނީ މަރުގެ ދަންތުރަތަކަކަށް ކަމަށެވެ.
އަލްޖަޒީރާ އަރަބިކްއަށް ދެއްވި ޚާއްސަ ބަޔާނެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި އެހީގެ މަރުކަޒުތަކުގައި ލިބޭ އަނިޔާތަކަކީ ސީދާ މަރުވުމަށް މަގުފަހިވާ ފަދަ އަނިޔާތަކެކެވެ.
އަދީ ދަބޫރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެހީގެ މަރުކަޒުތަކުން ބެހެމުންދާ ކާބޯތަކެތި ވަނީ ބޭނުންވާ މިންވަރަށްވުރެ ވަރަށް ބޮޑުތަން މަދުވެފައެވެ. މިކަމުގެ ސަބަބުން މަގުމަތީގައި މީހުން ބަނޑުހައިހޫނުކަމުން ވެއްޓެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލްޤުދްސް ހޮސްޕިޓަލުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި އެހީގެ ތަކެއްޗަށް އިންތިޒާރުކުރަމުންދިޔަ 20 މީހުން ވަނީ މަރުވެފައެވެ. އަދި 124 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
އަދީ ދަބޫރު ވިދާޅުވި ގޮތުގައި އިޒްރޭލީ ސިފައިން ވަނީ ޣައްޒާގައި މަސައްކަތްކުރާ މެޑިކަލް މުވައްޒަފުންނަށް ސީދާ ގޮތެއްގައި އަމާޒުކޮށް ހަމަލާދޭން ފަށާފައެވެ. މިކަމުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ.
ހަލާކުވެފައިވާ ޣައްޒާގެ ޞިއްޙީ ނިޒާމުން މިހާރު އަނިޔާލިބެމުންދާ މީހުންނަށް ފަރުވާދެވެނެ އުއްމީދު ކުޑަވެފައިވާކަމަށް ވަނީ ބުނެފައެވެ. އެހީގެ މަރުކަޒުތަަކަށް އެއްވާ މީހުންނަށް ސީދާ އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަރުވާހޯދަން ދާމީހުންގެ ޢަދަދު އިތުރުވެފައިވެެއެވެ.