ދުނިޔެ
ޣައްޒާގައި އިޒްރާއީލުގެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އަދަދު 227 އަށް އަރައިފި

އިޒްރާއިލްގެ ހަމަލާތަކުގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިޔާއާއި ޕެރަމެޑިކުން
ޣައްޒާއަށް އިޒްރާއީލުން ދިން ހަމަލާއެއްގައި އިތުރު ނޫސްވެރިއަކާއި ތިން ޕެރަމެޑިކުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނާ ގޮތުގައި މި ހަމަލާގައި ޝަހީދުވި ނޫސްވެރިއަކީ ގިނަ މީޑިއާތަކެއްގައި މަސައްކަތްކުރި ފޮޓޯ ޖާނަލިސްޓް މުއުމިން މުހައްމަދު އަބޫ އަލް-އައުފްއެވެ.
އިޒްރާއީލުން ޣައްޒާއަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް ޝަހީދުވެފައިވާ ނޫސްވެރިންގެ އަދަދު މިހާރު ވަނީ 227 އަށް އަރާފައެވެ. ޣައްޒާގެ މީޑިއާ އޮފީހުން ވަނީ އިޒްރާއީލުގެ އޮކިއުޕޭޝަނުން ފަލަސްތީނުގެ ނޫސްވެރިން ސިސްޓަމެޓިކްކޮށް ޓާގެޓްކޮށް، މަރާ އަދި ޝަހީދުކޮށްލަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ބުނެފައިވަނީ މިއީ އިޒްރާއީލުގެ "ބިރުވެރި ރެކޯޑަށް" އިތުރުވި އައު ކުށެއް ކަމަށެވެ.
"ނޫސްވެރިން މެރުމަކީ ކުށެއް، ޕެރަމެޑިކުން މެރުމަކީ ކުށެއް ހުރިހާ ބައިނަލްއަޤްވާމީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު މި ޢަމަލުތައް ޣައްޒާގައި ކޮންމެ ދުވަހަކު ހިނގަމުންދޭ” ކެއަރ ގެ ބަޔާނުގައިބުނެފައިވެއެވެ.
ނަމަވެސް ދުނިޔެ މިހާރު ވަނީ ހޭލެވިފައި ކަމަށް ކެއަރއިން ފާހަގަކޮށްފައިވެއެވެ. "އެމެރިކާގެ ކޮލެޖް ދަރިވަރުން ސުލްހަވެރިކޮށް އިހުތިޖާޖުކުރަމުން ދިއުމާއި، މަދްލީން އުޅަނދުގައި ތިބި ޒުވާން އެކްޓިވިސްޓުންނާ ހަމައަށް، ދުނިޔޭގެ ގިނަބަޔަކު ވަރަށް ބޮޑަށް ގަބޫލުކުރަނީ ޣައްޒާގައި ހިނގަމުންދަނީ ހަމަ ނަސްލު ނައްތާލުމުގެ ޢަމަލެއް" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.