ކުޅިވަރު
ޓީމޯ ލެސްޓޭ މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން: ސުޒޭން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ނޫސްވެރިންނާ ބައްދަލުކުރުން، ފޮޓޯ: ޕީއެސްއެމް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗު ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ، މި މެޗަށް ތައްޔާރުވަމުން އަންނަނީ ރާއްޖޭގައި ބޭއްވި ކުރު މުބާރާތް ކަމަށްވާ އެފްއޭއެމް ލީގު ކަޕް 2025 ކުޅުމަށްފަހު، މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލީގު ނެތުމުން ފުޓުބޯޅަ ދަށަށް ދިއުން ކަމަށާއި ނަމަވެސް ލީގު ކަޕަށްފަހު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށާއި، މި މެޗާމެދު ބޮޑު އުއްމީދެއް އެބައޮތް ކަމަށް ސުޒޭނު ވަނީ ފާހަގަކޮށްފައެވެ.
މި މެޗަށް ތައްޔާރުވުމަށް މި ދިޔަ މެއި މަހުގެ 29 ގައި ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 3-1 އިން ބަލިވެފައެވެ. ނަމަވެސް އެ މެޗުގެ ފަހު ހާފުގައި ރަގަޅު ކުޅުމެއް ރާއްޖޭގެ ޓީމުން ދައްކާފައިވާކަމަށް ސެޒޭނު ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެވަނަ މެޗުގައި މިއަދު ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭއިރު، އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހެނދުނު 11:30 ގައެވެ.