ދުނިޔެ

އެލޮން މަސްކާއި އެކު އޮތް ގުޅުން ކަނޑާލައިފިން: އެމެރިކާގެ ރައީސް ޓްރަމްޕް

އެލޮން މަސްކާއި އެކު އޮތް ގުޅުން ކަނޑާލައިފިން: އެމެރިކާގެ ރައީސް ޓްރަމްޕް

އެލޮން މަސްކް އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2025، 05:34

09 ޖޫން 2025، 05:34

އެލޮން މަސްކާއި ދެމެދު އޮތް ގުޅުން ކަނޑާލައިފިކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އެން.ބީ.ސީ. ނިއުސްއަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައެވެ.

ދެ ފަރާތުގެ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުން ފެށިގެން ދިޔައީ މަސްކް، ރައީސް ޓްރަމްޕްގެ ޓެކްސް އަދި ހޭދަކުރުމުގެ ބިލަށް ފާޑުކިޔުމުންނެވެ. މަސްކްއަކީ ޓްރަމްޕްގެ އިންތިހާބީ ކެމްޕޭނަށް މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދި ވައިޓް ހައުސްގެ ލަފާދޭ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެކެވެ.

މަސްކްއަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރި ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑޯޖް) ގެ އިސްވެރިޔާގެ މަގާމުގައި 129 ދުވަހު ހުންނެވި ފަރާތެވެ. އޭނާ ވަނީ "ބިގް ބިއުޓިފުލް ބިލް" ގެ ނަމުގައި މަޝްހޫރުވެފައިވާ ބިލަކީ "ނުބައި އަދި ހަޑިމުޑުދާރު" އެއްޗެއް ކަމަށް ބުނެ އެކްސް ގައި ޕޯސްޓްކޮށްފައެވެ.

މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހިނގި ބަހުސް ގޯސްވެގެން ދިޔައީ މަސްކް، ޓްރަމްޕްއަށް ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅުވައިގެން ތުހުމަތުތަކެއް ކުރުމުންނެވެ. އެޕްސްޓީންއަކީ ޖިންސީ ވިޔަފާރީގެ ދައުވާތަކާ ގުޅިގެން ޖަލުގައި މަރުވި މާލީ ވިޔަފާރިވެރިއެކެވެ. ނަމަވެސް މަސްކް ވަނީ އެ ޕޯސްޓް ފަހުން ޑިލީޓްކޮށްފައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ މަސްކްގެ އަމަލުތަކަކީ ރައީސްގެ މަގާމަށް ކުރި އަދަބު ކުޑަކުރުމުގެ ގޮތުން ކުރި ކަންތައްތަކެއް ކަމަށްބުނެފައެވެ. އަދި މަސްކްގެ ކުންފުނިތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށްފާނެ ކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ. މީގެ އިތުރުން މަސްކް ވަނީ އަންނަ އަހަރުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ޓްރަމްޕްގެ ވާދަވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS