ދުނިޔެ
"މަދްލީން" ހައިޖެކްކުރުން ބައިނަލް އަޤްވާމީ މުޖްތަމަޢުން ކުށްވެރިކުރަނީ

ޢައްޒާއަށް އެހީގެ ތަކެއްޗާއި އެކު ދަތުރުކުރަމުންދަޔަ މަދްލީން
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ބްރިޓިޝް ދިދަ ނަގާފައިވާ "މަދްލީން" އުޅަނދު، ބައިނަލްއަޤްވާމީ ކަނޑުގައި އިޒްރޭލުން ހިފަހެއްޓުމާ ގުޅިގެން ގިނަ ޤައުމުތަކުން އެކަން ވަނީ ކުށްވެރިކޮށްފައެވެ.
ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ފަރާތުން އޮޕަރޭޓްކުރި މި އުޅަނދުގައި 12 އެކްޓިވިސްޓުން ތިބިއިރު، އޭގެ ތެރޭގައި ސްވީޑިޝް މޫސުމީ ބަދަލުތަކުގެ އެކްޓިވިސްޓް ގްރެޓާ ތުންބަރގް އާއި ފްރެންޗް އެމްއީޕީ ރިމާ ހަސަން ހިމެނެއެވެ. މި އުޅަނދުގައި ކުޑަކުދިންގެ ކިރު، މެޑިކަލް ކިޓް އަދި ކާބޯތަކެތި ފަދަ އަސާސީ ތަކެތި އުފުލަމުން ދިޔައެވެ.
މި އުޅަނދު ހިފެހެއްޓުމާ ގުޅިގެން ތުރުކީ، އީރާން އަދި ސްޕެއިން ފަދަ ޤައުމުތަކުން ވަނީ އެއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ޚިލާފު ޢަމަލެއްކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން މިކަން ވަނީ "ޓެރަރިޒަމް" ގެ ގޮތުގައި ސިފަކޮށްފައެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނެތަންޔާހޫގެ ސަރުކާރުން މި ހިންގި "ނުބައި ޢަމަލަކީ" އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއްކަން އަލުން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.
އދ. ގެ ސްޕެޝަލް ރެޕޯޓަރ ފްރަންސެސްކާ އަލްބަނީސް ވަނީ މެޑިޓެރޭނިއަން ބަނދަރުތަކަށް އިތުރު އެހީގެ އުޅަނދުތައް ފޮނުވުމަށް ގޮވާލައްވާފައެވެ. އަދި އިޒްރޭލްގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމަކީ ހުރިހާ ދައުލަތްތަކުގެ ޤާނޫނީ ޒިންމާއެއް ކަމަށާއި އިންސާނިއްޔަތުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
މި އުޅަނދު ހިފެހެއްޓުމާ ގުޅިގެން ފަލަސްތީނުގެ ހަމާސް ޙަރަކާތުން ވަނީ މިއީ "ދައުލަތުގެ ފެންވަރުގެ ޓެރަރިޒަމް" ގެ ޢަމަލެއްކަމަށް ބުނެ ކުށްވެރިކޮށްފައެވެ.