ދުނިޔެ
އީރާނާއި މިޞްރުގެ ގުޅުން އަލުން ގާއިމްކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ފަށާފައިވާކަމަށް ބުނެފި

އީރާން އާއި މިޞްރު
އީރާނާއި މިޞްރުގެ ގުޅުން އަލުން ގާއިމްކުރުމަށްޓަކައި ދެފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާކަމަށް އީރާނުގެ ޘަޤާފީ ތަރިކައާއި ފަތުރުވެރިކަމާއި އަތްތެރި މަސައްކަތްތަކާ ބެހޭ ވަޒީރު ރިޒާ ސާލިހީ އަމީރީ ވިދާޅުވެއްޖެއެވެ.
އަމީރީ ވިދާޅުވެފައިވަނީ މިޞްރާއެކު އަލުން ގުޅުން ބަދަހިކުރުމަކީ އީރާން ސަރުކާރުގެ އިސްތިރާޖީ އަމާޒެއް ކަމަށެވެ.
އީރާނުގެ ސަރުކާރުގެ ނޫސް އޭޖެންސީ (އިރުނާ) އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު މި ވާހަކަ ވިދާޅުވެފައިވަނީ، ފާއިތުވި މަހު އެމަނިކުފާނު މިޞްރަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ދަތުރުފުޅުގެ މަޤްޞަދަކީ 115 މިލިއަން މީހުންގެ އާބާދީއެއް އޮތް، އަދި ޘަޤާފީ، ތަރިކައިގެ އަދި ދީނީ ގޮތުން ވަރަށް މުހިންމު ޤައުމެއް ކަމުގައިވާ މިޞްރާއެކު ގުޅުން އަލުން ޤާއިމްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިޞްރުގެ ފަރާތުންވެސް އީރާނާއެކު ގުޅުން ކުރިއެރުވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ކަމަށާއި، އެކަމަށް މަގުފަހިކުރުމަކީ ދެ ސަރުކާރުގެވެސް އެދުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި، ފަތުރުވެރިކަން ތަރައްޤީކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އީރާނުގެ ބޮޑެތި ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި ބައިވެރިވުމަށް މިޞްރުގެ އަމިއްލަ ވިޔަފާރިތަކަށް ދަޢުވަތު ދީފައިވާ ކަމަށާއި، ދެ ޤައުމުގެ މެދުގައި ވައިގެ އަދި އެއްގަމު ދަތުރުތައް ފަސޭހަކުރުމަށާއި، ތާރީޚީ އަދި ދީނީ ފަތުރުވެރި ދަތުރުތައް އިންތިޒާމްކުރުމަށް އީރާނުން ތައްޔާރަށް ތިބި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފާއިތުވި ބުރާސްފަތި ދުވަހު މިސްރުގެ ރައީސް އަބްދުލް ފައްތާހް އައް-ސީސީ އާއި އީރާނުގެ ރައީސް މަސްއޫދު ބަޒްޝަކިއާން އަޟްޙާ ޢީދުގެ ތަހުނިޔާ ބަދަލުކުރެއްވި ފޯނު ކުރެއްވުމެއްގައި، މެދުއިރުމަތީގެ ސަރަޙައްދުގައި ހަމަނުޖެހުން އިތުރުވިޔަ ނުދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ފޯނު ކޯލް ބަދަލިކުރައްވައިފައި މިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޖީ މިދިޔަ ހޯމަ ދުވަހު ޤާހިރާއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ސީސީއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.