ދުނިޔެ
އިޒްރާއީލުގެ ސިއްރު ލިޔެކިޔުންތަކެއް ހާމަކުރާނެ ކަމަށް އީރާން އިން ބުނެފި

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ހަތީބް
އިޒްރާއީލުގެ ނިއުކްލިއަރ ފެސިލިޓީތަކާއި، އެމެރިކާ އަދި ޔޫރަޕާ އެކު އޮންނަ ގުޅުމާއި، އަދި ދިފާއީ ޤާބިލްކަމާ ގުޅޭ ސިއްރު ލިޔެކިޔުންތަކެއް އަވަހަށް ހާމަކުރާނެ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ހަތީބް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު އިރާން ސަރުކާރުގެ ޓީވީއަށް ދެއްވި ބަޔާނެއްގައި މިނިސްޓަރު ހަތީބް ވިދާޅުވި ގޮތުގައި، ތެހެރާނަށް ލިބިފައިވާ މި ލިޔެކިޔުންތަކަކީ "ޚަޒާނާއެއް" ކަމަށާއި، މިއީ ޤައުމުގެ ހަމަލާދޭ ޤާބިލްކަން އިތުރުކުރެވޭނެ ލިޔެކިޔުންތަކެކެވެ. ނަމަވެސް އެއްވެސް ހެއްކެއް އެވަގުތު ހާމައެއް ނުކުރެއްވިއެވެ.
މެދުއިރުމަތީގައި ނިއުކްލިއަރ ހަތިޔާރު އޮތް ހަމައެކަނި ޤައުމު ކަމަށްވާ އިޒްރާއީލުން، މިހާތަނަށް އެގައުމުގެ ނިއުކްލިއަރ ހަތިޔާރުތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ލީކްވި ލިޔެކިޔުންތަކާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިނިސްޓަރު ހަތީބް ވިދާޅުވި ގޮތުގައި، މި ޚަޒާނާ ބަދަލުކުރުމަށް ވަގުތު ނަގާފައިވަނީ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ޖެހުނު ސަބަބުން ކަމަށާއި ބަދަލުކުރި ގޮތުގެ މައުލޫމާތު ސިއްރުކޮށް ބަހައްޓާނެ ނަމަވެސް، ލިޔެކިޔުންތައް އަވަހަށް ހާމަކުރެވޭނެކަމަށެވެ.
މި ކަންތައް ހާމަވެގެން މިދަނީ އީރާނާއި އިޒްރާއިލާ ދެމެދު އަހަރުތަކެއް ވަންދެން ކުރިއަށްދާ ސިއްރު އޮޕަރޭޝަންތަކުގެ ތެރެއިންނެވެ. އީރާނުން ވަނީ އެޤައުމުގެ ނިއުކްލިއަރ ސައިންޓިސްޓުން މެރުމުގެ ތުހުމަތު އިސްރާއީލުގެ މައްޗަށް ކޮށްފައެވެ. އަދި އިޒްރާއީލުން ވަނީ އެގައުމުގެ މަސްލަހަތުތަކަށް ހަމަލާދޭ ހަތިޔާރުއެޅި ގްރޫޕްތަކަށް އެހީތެރިވުމުގެ ތުހުމަތު އީރާނުގެ މައްޗަށް ކޮށްފައެވެ.
އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށާއި، ނިއުކްލިއަރ ޓެކްނޮލޮޖީ ބޭނުންކުރަން ބޭނުންވަނީ ސުލްހަވެރި، މަދަނީ ބޭނުންތަކަށް ކަމަށް ބުނެފައެވެ. މިއީ އެމެރިކާއާއެކު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި މައިގަނޑު އެއް ނުކުތާއެވެ.