Ads by Stelco

ޚަބަރު

ޙައްޖާޖީންނަށް ދެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސް މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި

ޙައްޖާޖީންނަށް ދެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސް މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢުދީ ޙައްޖު އަދި އުމްރާ ވަޒީރާއި އެކު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 06:58

08 ޖޫން 2025، 06:58

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ވަޑައިގެންނެވި ޙައްޖާޖީންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސަޢޫދީ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް އެ ޤައުމަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް، ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރު ޑރ. ތައުފީގް ބިން ފައުޒާން އަލް ރާބިޢާ ވަނީ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ޙައްޖާޖީންނާމެދު ސަޢޫދީ ސަރުކާރުން ބަހައްޓަވާ ގާތްކަމާއި ދެއްވާ ފުރިހަމަ ޚިދުމަތަށް އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، މިއަހަރު ސަޢޫދީގެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކުގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވައި، ސަޢޫދީ ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢޫދީއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކާމެދުވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS