Ads by Stelco

ޚަބަރު

ސަޢޫދީ އަރަބިއްޔާގެ ޙައްޖާއި އުމްރާއާބެހޭ ވަޒީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

ސަޢޫދީ އަރަބިއްޔާގެ ޙައްޖާއި އުމްރާއާބެހޭ ވަޒީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ސަޢޫދީ އަރަބިއްޔާގެ ޙައްޖާއި އުމްރާއާބެހޭ ވަޒީރު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 06:52

08 ޖޫން 2025، 06:52

ސަޢޫދީ އަރަބިއްޔާގެ ޙައްޖާއި އުމްރާއާބެހޭ ވަޒީރު، އަލްފާޟިލް  ޑރ. ތައުފީޤް އަލް-ރަބީޢާ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ޙާޖީންނަށް ދެއްވާ ސަމާލުކަމާއި، ފޯރުކޮށްދެއްވާ އިސްތިސްނާ ޚިދުމަތްތަކަށްޓަކައި ދެ ޙަރަމްފުޅުގެ ޚާދިމު، ސަޢޫދީ އަރަބިއްޔާގެ ރަސްގެފާން އަލްމަލިކު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢޫދަށާއި، އެ ޤައުމުގެ ވަލީ އަހުދު އަދި ބޮޑުވަޒީރު އަމީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢޫދަށް ޝުކުރު އަރިސްކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމުން ދަތުރުފަތުރު ފަސޭހަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙާޖީންނަށް ލިބިފައިވާ މެހެމާންދާރީއާއި ހުރުމުގެ އިންތިޒާމުތަކުގެ ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢޫދީއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެވިދާނެ ކަންތައްތަކާމެދުވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS