ސައިންސް / ދުނިޔެ

ޖަޕާނުގެ އައިސްޕޭސް ކުންފުނިން ހަނދަށް ފޮނުވިި އުޅަންދު އަނެއްކާ ވެއްޓިއްޖެ

ޖަޕާނުގެ އައިސްޕޭސް ކުންފުނިން ހަނދަށް ފޮނުވިި އުޅަންދު އަނެއްކާ ވެއްޓިއްޖެ

އައިސްޕޭސްއިން ހަނދަށް އުޅަނދުފޮނުވުމުގެ ރަސްމިއްޔާތު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2025، 04:36

08 ޖޫން 2025، 04:36

ޖަޕާނުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިސްޕޭސްގެ ދެވަނަ ހަނދުގައި ޖެއްސުމުގެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ހަނދުގައި ޖެއްސުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް ހަނދުގައި ޖައްސަން ފޮނުވި އުޅަނދާ ގުޅުން ކެނޑިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

 މި ކުންފުނިން ބުނާ ގޮތުގައި އުޅަނދު ހަނދުގެ ސަތަޙައާ ޖެހި، ހަނދާ ހުރި ދުރުމިން ވަޒަންކުރުމުގައި މައްސަލަ ޖެހުމުގެ ސަބަބުން އުޅަނދުގެ ސްޕީޑް މަޑުކުރެވިފައި ނެވެއެވެ.

މި މިޝަން ކުރިއަށް ގެންދިޔައީ ޓޯކިޔޯގައި ހިންގާ އަމިއްލަ ޖައްވީ އެކްސްޕްލޮރޭޝަން ކުންފުންޏެއް ކަމަށްވާ އައިސްޕޭސްއިންނެވެ. މިއީ އެ ކުންފުނީގެ ދެވަނަ ބޮޑު ނާކާމިޔާބީ ކަމަށްވާއިރު، މިކަމުން ދައްކުވައިދެނީ އަމިއްލަ ފަރާތްތަކުން ހަނދަށް ދަތުރުކުރުމުގައި ދިމާވާ ގޮންޖެހުންތައް ކަމަށް ފާހަގަކުރެވެއެވެ.

އައިސްޕޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުޅަނދު އުދުހެމުންދިޔަ އުސްމިން ސީދާކޮށް ވަޒަންކުރެވިފައި ނުވާތީ، ހަނދާ ކައިރިވަމުން ދިޔައިރު އުޅަނދުގެ ސްޕީޑް މަޑުކުރުމުގައި މައްސަލަ ޖެހި، އުޅަނދު ވެއްޓިފައިވާ ކަމަށެވެ.

މި މިޝަންގެ ލައިވް ބްރޯޑްކާސްޓް ބަލަން ޓޯކިޔޯގެ ހޯލެއްގައި 500 އަށްވުރެ ގިނަ މުވައްޒަފުންނާއި އިންވެސްޓަރުންނާއި ސަރުކާރުގެ އޮފިޝަލުން ތިއްބެވެ. ހަނދުގައި ޖެއްސުމަށް ލަފާކުރެވުނު ވަގުތުގެ ދެ މިނެޓު ކުރިން އުޅަނދާ ގުޅުން ކެނޑުމާއެކު ހޯލުގެ މާޙައުލު ވަރަށް ބޮޑަށް ބަދަލުވިއެވެ.

 ހޯލުގައި އެވަގުތު އޮތް ހަމަހިމޭންކަމުން ދޭހަވީ މީހުންގެ ހިތްދަތިކަމާއި ކަންބޮޑުވުމެވެ.މި ހާދިސާއާ ގުޅިގެން އައިސްޕޭސްގެ ހިއްސާގެ އަގު ވަނީ ބޮޑުތަން ދަށަށް ގޮސްފައެވެ. ހުކުރު ދުވަހު އެ ކުންފުނީގެ ހިއްސާގެ އަގު 29 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ދިއުމާ ގުޅިގެން ހިއްސާގެ މުޢާމަލާތްތައް ވަނީ ހުއްޓާލާފައެވެ. އޭގެ ކުރީ ދުވަހު އެ ކުންފުނީގެ މާކެޓް ވެލިއު ހުރީ 110 ބިލިއަން ޔެން (ގާތްގަނޑަކަށް 766 މިލިއަން އެމެރިކާ ޑޮލަރު) ގައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS