ޚަބަރު
ޢަރަފާތުގެ އެންމެ ވަގުތުކޮޅެއްވެސް އެއްވެސް ހައްޖާޖީއަކަށް ގެއްލިފައި ނުވުމަކީ ބޮޑު ކާމިޔާބީއެއް : ވަޒީރު ޝަހީމް

ސައުދީއަރަބިއްޔާ އަށް ޒިޔާރަތްކުރި ހައްޖުވެރިންނަށް ހައްޖު ދުވަހުގެ ދަރުސް ކުރިއަށް ދަނީ
މިއަހަރުގެ ޙައްޖު އޮޕަރޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޙައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ ޢަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ޙައްޖާޖީންނަށް ނުގެއްލި ޢަރަފާތް ލިބުން ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވީ، މީގެ ކުރިން ދިވެހި ޙައްޖާޖީންނަށް ޢަރަފާތަށް ލަހުން ދެވިފައިވެސް އެބަހުރި ކަމަށެވެ. ނަމަވެސް މިއަހަރު ޢަރަފާތުގެ އެންމެ ވަގުތުކޮޅެއްވެސް އެއްވެސް ހައްޖާޖީއަކަށް ގެއްލިފައި ނުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ހައްޖުގެ އެންމެ ބޮޑު ރުކުނަކީ އަރަފާތު. އެހެންވީމަ އަރަފާތުގައި އެންމެ ވަގުތެއްވެސް ގެއްލިގެން ނުގޮސް ހެނދުނު ހެނދުނާގޮސް އިރުއޮއްސެންދެން އަރަފާތުގައި ތިބުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަހަރު ހައްޖާޖީންނަށް ހޯދައިދީފައި،
ވަޒީރު
މިއަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަހަރުކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ވަޒީރުގެ ޒިޔާރަތުގައި ގިނަ ޙާޖީންނާ ބައްދަލުކުރެއްވި ކަމަށާއި، އެ ބޭފުޅުންގެ ފަރާތުން ލިބިވަޑައިގަތް މަޢުލޫމާތުން އެނގިވަޑައިގަތީ ރަނގަޅު ޚިދުމަތްތަކެއް ދެވޭކަންކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ވެސް ޙާޖީން ހިއްސާކުރި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޮންޓްރޯލްގެތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަން،" ވަޒީރު ވިދާޅުވިއެވެ.
އަދި ޙައްޖުގެ ގިނަ ކަންކަމަކީ ސަޢުދީ ޢަރަބިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިނގާ ކަންކަން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ އެއްވެސް ޙާޖީއަކު ނުގެއްލި، ޙައްޖުގެ އަޅުކަން އަދާކުރެވުނު ކަމެވެ. ޚާއްޞަކޮށް އަރަފާތުން މުޒްދަލިފާއަށް އަދި މިނާއަށް ދިއުމުގައި އާންމުކޮށް ދިމާވާ ދަތިތައް މިއަހަރު ދިމާނުވި ކަމަށް ވިދާޅުވިއެވެ.
ޙައްޖާޖީން ތިބޭ ފޭލިގެއަށް ޝަހީމްގެ އިތުރުން ފޮރިން މިނިސްޓަރ ޑރ.ޢަބްދުﷲ ޚަލީލް، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ވެސް ޒިޔާރަތް ކުރެއްވެވިއެވެ.
މި ޒިޔާރަތުގައި ވަޒީރުން ޙައްޖާޖީންނާ ބައްދަލުކޮށް އެ ބޭފުޅުންގެ ޙާލު އަހާލެއްވިއެވެ. އަދި ޙައްޖު އޮޕަރޭޝަންގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.
މިއަހަރުގެ ޙައްޖު އޮޕަރޭޝަންގައި ދިވެހިރާއްޖެއިން 1,000 އަށްވުރެ ގިނަ ޙާޖީން ބައިވެރިވެފައިވެއެވެ. މި ޙާޖީންގެ ތެރޭގައި ސަރުކާރު ކޯޓާގެ ދަށުން ދިޔަ ޙާޖީންނާއި އަމިއްލަ ޙައްޖު ގްރޫޕްތަކުގެ ދަށުން ދިޔަ ޙާޖީން ހިމެނެއެވެ.
ޙައްޖު އޮޕަރޭޝަންގެ ކާމިޔާބީއާއެކު، ދިވެހި ޙާޖީންނަށް މި އަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދިޔައީ އެންމެ ފުރިހަމަ ގޮތުގައެވެ. މިކަމަކީ ދިވެހި ސަރުކާރާއި ޙައްޖު ކޯޕަރޭޝަނުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ޙައްޖުގެ އަޅުކަން ނިމި، ދިވެހި ޙާޖީން ރާއްޖެ އެނބުރި ވަޑައިގަތުމުގެ އިންތިޒާމުތައް ވެސް ރޭވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަހަރުގެ ޙައްޖު އޮޕަރޭޝަންގެ ތަޖުރިބާއިން އުނގެނުނު ކަންކަން ބޭނުންކޮށްގެން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ރަނގަޅުކުރެވޭނެ ކަންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.