ޚަބަރު
އިމާރާތްކުރުމުގެ މަސައްކަތްތަކަށް އިންޝުއަރެންސް ނެގުން ލާޒިމްކޮށްފި

ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވަށައިގެންވާ ސަރަހައްދާއި ހިނގާ އުޅޭ މީހުންނަށް ބަދަލު ލިބޭނެ އިންޝުއަރެންސް ޕްލޭނެއް ނެގުން ލާޒިމްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.
މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ގެޒެޓްކޮށްފައިވާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ފަސްވަނަ އިސްލާހުގައި މިކަން ލާޒިމްކޮށްފައިވެއެވެ. މި އައު އިސްލާހުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވަށައިގެންވާ މާހައުލާއި، މަސައްކަތުގައި އުޅޭ މީހުންނާއި، އިމާރާތްތަކާއި ބިނާތަކާއި އަދި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެ ގޮތަށް އިންޝުއަރެންސް ޕެކޭޖެއް ނެގުން ވަނީ މަޖުބޫރުކޮށްފައެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މި އިންޝުއަރެންސް ޕެކޭޖަކީ މުދަލާއި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށް ޓަކައި މި ކަންކަން ހިމެނޭގޮތަށް އޮންނަ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭނެ އިންޝުއަރަންސް ކަވަރޭޖަކަށް ވާންޖެހޭނެއެވެ.
މިހާރު ގަވައިދުގައި ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓް ހިންގުމުގެ ލައިސަންސް ލިބޭނީ މިފަދަ އިންޝްއަރެންސް ޕެކޭޖެއް ނެގުމުންނެވެ.
މި އިސްލާހު ގެނައުމުގެ މައިގަނޑު މަޤްސަދަކީ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންނާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.
މާލޭގައި އިމާރާތްތައް ކުރުމުގެ ތެރޭގައި އިމާރާތްތަކުން ވެއްޓޭ އެއްޗެހިން މީހުންނާއި ތަކެއްޗަށް ގެއްލުން ލިބުމަކީ ވަރަށް އާއްމު ކަމަކަށްވާތީ، މި ނިންމުމަކީ ގިނަ ފަރާތްތަކަކުން މަރުހަބާ ކިޔާފައިވާ ނިންމުމެކެވެ.
މި އައު ގަވާއިދު ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް، މިނިސްޓްރީން ބުނެފައިވަނީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ބަދަލަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދެވޭނެ ކަމަށެވެ.