ޚަބަރު
ލ. ގަމުގައި ދެޖިންސު މަސްހުނިނުކޮށް ސަގާފީ ލަނގިރީގެ ފޯރިގަދަ ހަރަކާތްތަކެއް ބާއްވައިފި

ލ. ގަމުގައި ކުރިއަށްދިޔަ ސަޤާފީ ހަރަކާތްތައް ފޮޓޯ:ސަރުކާރު
ލ. ގަމުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ވަޅު ޢީދު ދުވަހުގެރޭ ވަރަށް ފޯރިގަދަ ސަގާފީ ލަނގިރީގެ ހަރަކާތްތަކެއް ބާއްވައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ތުނޑީ އަވަށުގެ ރައްޔިތުންގެ ފަރާތުންނެވެ.
ތުނޑީ ސްޓޭޖް ސަރަހައްދުގައި ބޭއްވުނު މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔޫސުފް ނަޝީދު ވަނީ ބެރުވެރިއެއްގެ ގޮތުގައި ބައިވެރިވެ، ހަރަކާތް އިތުރަށް ފުރިހަމަކޮށްދެއްވާފައެވެ. މި ހަރަކާތުގައި ފާހަގަކޮށްލެވުނު އެއް ކަމަކީ ދެ ޖިންސު ވަކިން ލަނގިރި ޖެހުމެވެ. ފިރިހެނުންގެ ލަނގިރި ޖެހީ ހަމައެކަނި ފިރިހެނުންނެވެ. އަދި އަންހެނުންގެ ލަނގިރި ޖެހީ އަންހެނުންނެވެ.
މި ލަނގިރި ހަރަކާތްތަކުގައި ދައްކުވައިދިނީ ދިވެހިންގެ ތެރޭގައި މިހާރު މަދުން ނޫނީ ނުފެންނަ ފަދަ އިހުގެ ސަގާފީ ލަނގިރީގެ ފުރިހަމަ ފަންނުވެރިކަމެވެ. މި ހަރަކާތްތަކަށް ގަމުގެ ކުޑަބޮޑު އެންމެހައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ މިފަދަ ހަރަކާތްތައް ދިވެހިވަންތަ އަސްލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ތަރުހީބު ދީފައެވެ. އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ދެ ޖިންސު މަސްހުނިކޮށް މިފަދަ ކުޅިވަރުތައް ކުޅުމަކީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
މި ހަރަކާތްތަކުން ދައްކުވައިދިނީ ދިވެހިންގެ މާޒީގެ މުއްސަނދި ސަގާފަތާއި، އެ ސަގާފަތް ދިރުވައި އާލާކުރުމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަމެވެ. އަދި މިފަދަ ހަރަކާތްތަކަކީ ޒުވާނުންނަށް ދިވެހި ސަގާފަތް ދަސްކޮށްދިނުމަށާއި، ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރެވެއެވެ.