ޚަބަރު
ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިކަމުގައި އަބަދު އެއް ބަޔަކު ތިބޭނަމަ، އާ ގޮތްތަކެއް ހޯދުމަށް އުނދަގޫވާނެ: ކޮމިޝަނަރ އޮފް ސްޕޯޓްސް

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް
ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިކަމުގައި އަބަދު އެއް ބަޔަކު ތިބޭނަމަ، އާ ގޮތްތަކެއް ހޯދުމަށް އުނދަގޫވާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. މިކަން ޠަލާލް ފާހަގަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޠަލާލް ވިދާޅުވި ގޮތުގައި، މަޤާމާ ހަވާލުވެ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ހައްލުކުރެވިފައިވެއެވެ. ނަމަވެސް، ބައެއް އެސޯސިއޭޝަންތަކުގައި މައްސަލަތައް ހައްލު ނުކުރެވި ބޮއްސުންލައިގެން ދިޔައީ ތަންފީޒުކުރަން ތިބޭ ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.
ކުޅިވަރު ކުރިއެރުވުމަށްޓަކައި އާ ގޮތްތަކެއް، އާ އީޖާދުތަކެއް ނެރެން އެބަޖެހޭ. އަބަދުވެސް އެއް ގޮތަކަށް ކަންތައް ކުރުމަކުން ކާމިޔާބެއް ނުލިބޭނެ،
ޠަލާލް
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކާމިޔާބު ހޯދޭނީ ރަނގަޅު ޕްލޭނަކާއެކު މަސައްކަތް ކޮށްގެންނެވެ. އަދި ކާމިޔާބު ހޯދާފައި ހުރި ޤައުމުތަކުގެ ތަޖުރިބާވެސް ބަލަންޖެހެއެވެ.
ކުޅިވަރު ހިންގުމުގައި ޒުވާން ސިކުނޑިތަކަށް ފުރުސަތު ދިނުމުގެ މުހިންމުކަން ޠަލާލް ފާހަގަކުރެއްވިއެވެ. "ޒުވާނުންނަށް ފުރުސަތު ދީގެން އާ ގޮތްތަކެއް އީޖާދުކުރެވޭނީ. އެހެން ޤައުމުތަކުން ހޯދާ ކާމިޔާބީ އަޅުގަނޑުމެންނަށް ނުހޯދެންވީ ސަބަބެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ކުޅިވަރުގެ ލޯބި ހުރެގެން އެސޯސިއޭޝަންގައި މަސައްކަތްކުރާނަމަ، ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރަންޖެހޭނެ ކަމަށާއި، ކުޅުންތެރިންގެ ބޭނުންތައް ދެނެގަނެ، އެ ކަންކަން ފުރިހަމަކުރަންޖެހޭނެ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
އެސޯސިއޭޝަންތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ރާއްޖޭގައި ހެދިފައި ހުރި ގަވާއިދުތަކާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުމަށް ކަމަށްވެސް ޠަލާލް ފާހަގަކުރެއްވިއެވެ.