ޚަބަރު
އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި

އެމްއެންޑީއެފް ބޭންޑު ފޮޓޯ:އެމްއެންޑީއެފް
އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މިއަދު ހާމަކޮށްފިއެވެ.
"ޢީދު ހަވީރު 1446" ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތްތަކަކީ މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފް ބޭންޑުގެ ހަރަކާތްތައް މިރޭ 9:00 އިން 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާނެއެވެ.
ޢީދު ހަވީރުގެ ހަރަކާތްތައް މާލެ ސަރަހައްދުގައި ކުރިއަށްގެންދަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންނެވެ. މި ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ޢީދު ހަވީރުގެ ހަރަކާތްތައް މާލޭ ސަލްޓާން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2 ހިޔާ ޕާކު ސަރަހައްދުގައިވެސް ކުރިއަށްދެއެވެ. މި ސަރަހައްދުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސްޓޯލްތައް ބަހައްޓާފައިވާއިރު، އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތައް ރޭވިފައިވެއެވެ.
އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ 21:00އިން 22:00އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ. pic.twitter.com/CttwDHWTrC
— Maldives National Defence Force (@MNDF_Official) June 8, 2025
މީގެ އިތުރުން، ސަލާމަތީ ޚިދުމަތްތަކުން އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޔުނިފޯމާއި، ހަތިޔާރާއި، އެއްގަމާއި ކަނޑު އުޅަނދުފަހަރު ދެއްކުމަށް ޚާއްޞަ ސްޓޯލްތަކެއްވެސް މާލެއާއި ހުޅުމާލޭގައި ޤާއިމްކޮށްފައިވެއެވެ.
"ޢީދު ހަވީރު 1446" ގެ ހަރަކާތްތައް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ.