ދުނިޔެ
އެހީގެ ތަކެތި ބަހާ ތަނަކަށް ގޮސް ތިބި ބަޔަކަށް އިޒްރާއިލުން އަނެއްކާވެސް ބަޑީގެ ހަމަލާދީފި

އެހީގެ ތަކެތި ބަހާ ތަނަކަށް ގޮސް ތިބި ބައެއް.
ޣައްޒާގެ ވާދީ އަދި ރަފާގެ އަލް-މަވާސީގައި ހުރި އެހީ ބަހާ މަރުކަޒުތަކަށް ކާބޯތަކެތި ހޯދުމަށް ގޮސްތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުގެ ސިފައިން އަނެއްކާވެސް ހަމަލާދީފިއެވެ.
މި ހަމަލާގައި މަދުވެގެން 5 މީހުން ޝަހީދުވެ، 120 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
މިއަދު ހެނދުނު ޖީ.އެޗް.އެފްއިން ފޭސްބުކްގައި ޕޯސްޓެއް ކުރުމަށްފަހު، ކާބޯތަކެތި ބެހުމަށް ތައްޔާރުވަމުންދާކަން އިއުލާނުކުރުމާ ގުޅިގެން، އެތައްހާސް ފަލަސްތީނު ރައްޔިތުން އެހީ ބަހާ މަރުކަޒުތަކަށް ޖަމާވެފައިވެއެވެ. ނަމަވެސް އިޒްރާއިލުގެ ސިފައިން ވަނީ މި ތަންތަނަށް ހަމަލާދީފައެވެ.
ރަފާގައި ދިން ހަމަލާގައި މަދުވެގެން 4 މީހުން ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ޣައްޒާގެ މެދުތެރޭ ސަރަހައްދުގައި ހިނގި ހަމަލާގައި އެއް މީހަކު ޝަހީދުވެ، 20 މީހުންނަށް އަނިޔާވެފައިވެއެވެ. އަނިޔާވި ގިނަ މީހުންގެ ހާލަތު ވަރަށް ބޮޑަށް ސީރިއަސްވެފައިވާކަމަށް ޑޮކްޓަރުން ބުނެއެވެ.
"އަޅުގަނޑުމެންގެ އާއިލާތަކަށް ކާނާ ހޯދޭނެ ހަމައެކަނި ގޮތަކީ މި އެހީ ބަހާ މަރުކަޒުތަކަށް ދިއުން،" ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ. ނަމަވެސް މި މަރުކަޒުތަކަކީވެސް ރައްކާތެރި ތަންތަނެއް ނޫންކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދެވޭނެ އެއްވެސް ތަނެއް ނެތްކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.
އިޒްރާއިލުގެ ސިފައިން މި ހަމަލާގައި ބަޑިތަކާއި ކަރުނަގޭސް ބޭނުންކޮށްފައިވާއިރު، އަނިޔާވެފައިވާ މީހުންގެ ތެރޭގައި ކަރުގައާއި، މޭމަތީގައި އަދި ބޮލުގައި ވަޒިން ޖެހިފައިވާ މީހުން ހިމެނެއެވެ. މި އަނިޔާތަކަށް ފަރުވާދިނުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ.