ދުނިޔެ
ފަލަސްތީނުގެ މުޖާހިދުންގެ ހަރަކާތުގެ އަމީން އާންމު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ މުޖާހިދުންގެ ހަރަކާތުގެ އަމީން އާންމު އަސްއަދު އަބޫ ޝަރީއާ
ފަލަސްތީނުގެ މުޖާހިދުންގެ ހަރަކާތުގެ އަމީން އާންމު، އަސްއަދު އަބޫ ޝަރީއާ އިޒްރޭލުގެ ޖައްވީ ހަމަލާއަކުން ޝަހީދުކޮށްލައިފިއެވެ.
އޭނާ ޝަހީދުކޮށްލީ ޣައްޒާގެ ސަބްރާ ސަރަހައްދުގައި އޭނާގެ އާއިލާގެ މެންބަރުންނާއެކުގައެވެ.
މުޖާހިދީން ހަރަކާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމީ އުންމަތަށާއި ފަލަސްތީނު ރައްޔިތުންނަށް ޖިހާދީ ލީޑަރު ޝައިޚް ޑރ. އަސްއަދު އަބޫ ޝަރީއާގެ ޝަހީދުވުމުގެ ހިތާމަވެރި ޚަބަރު އިއުލާނުކުރާ ކަމަށެވެ.
އަދި އޭނާއަކީ ފަލަސްތީނުގެ ޖިހާދާއި އެއްބައިވަންތަކަމުގެ އެއް ތަނބު ކަމަށާއި، މުޖާހިދީން ހަރަކާތުގެ މުއައްސިސް އަދި އެ ހަރަކާތުގެ އަސްކަރީ ފަޅިއެއް ކަމަށްވާ ކަތާއިބުލް މުޖާހިދީންގެ އާންމު ކޮމާންޑަރު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުގެ ހަމަލާގައި އަސްއަދު އަބޫ ޝަރީއާގެ އިތުރުން އޭނާގެ އަޚް އަހްމަދު އަބޫ ޝަރީއާ ވެސް ޝަހީދުވެފައިވެއެވެ. އަހްމަދަކީ މުޖާހިދީން ހަރަކާތުގެ އަމާނާތުގެ މެންބަރެއް އަދި ޣައްޒާގެ އިސްވެރިއެކެވެ. މީގެ އިތުރުން އަބޫ ޝަރީއާ އާއިލާގެ ގިނަ އަދަދެއްގެ މެންބަރުންވެސް މި ހަމަލާގައި ޝަހީދުވެފައިވެއެވެ.
ޝަހީދު އަސްއަދު އަބޫ ޝަރީއާއަށް މީގެ ކުރިންވެސް 5 ފަހަރެއްގެ މަތިން ޝަހީދުކޮށްލަން މަސައްކަތްކޮށްފައިވެއެވެ. އަދި ޣައްޒާގެ މައްޗަށް އިޒްރޭލުން ދެމުންދާ ހަނގުރާމައިގައި އޭނާގެ އަނބިކަނބަލުންނާއި، ދަރިންނާއި، އަޚުންނާއި، ގާތްތިމާގެ މީހުން ހިމެނޭ ގޮތަށް 150 އަށްވުރެ ގިނަ އާއިލީ މެންބަރުން ޝަހީދުވެފައިވެއެވެ.
މުޖާހިދީން ހަރަކާތަކީ 2000 ވަނަ އަހަރު އަޤްޞާ އިންތިފާދާއާ އެކު އުފެދުނު ހަރަކާތެކެވެ. މި ހަރަކާތުގެ މަޤްޞަދަކީ ފަލަސްތީނު އިޒްރޭލުގެ އޮކިއުޕޭޝަނުން މިނިވަންކުރުމެވެ. އަދި މި ހަރަކާތުގެ އަސްކަރީ ފަޅިއެއްގެ ގޮތުގައި ކަތާއިބުލް މުޖާހިދީން ހިމެނެއެވެ.