ދުނިޔެ
ރަފާހްއިން ރަހީނެއްގެ ގޮތުގައި ހުރި ތައިލެެންޑް ރައްޔިތެެއްގެ ހަށިގަނޑު ހޯދައިފި

އިޒްރާއިލް ސިފައިން ރަފާހް ގައި ހަތިޔާރާއިއެކު
އިޒްރާއީލްގެ ބަންދުގައި ހުރި ތައިލެންޑް ރައްޔިތެއްގެ ހަށިގަނޑު ޣައްޒާގެ ރަފާހު ސަރަހައްދުން ހޯދާފައިވާ ކަމަށް އިޒްރާއީލްގެ ބަޔާނެއްގައި ބުނެފިއެވެ.
ވަރ ކްރައިމްސްގެ ދަޢުވާތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން މިކަން އިއުލާންކޮށްފައިވަނީ "ހާއްސަ އޮޕަރޭޝަނެއް" ގެ ދަށުންނެވެ.
އިޒްރާއީލްގެ ދިފާއީ ވަޒީރު އިޒްރާއެލް ކަޓްސް ބުނެފައިވާ ގޮތުގައި، ނަތަބޮންގް ބިންޓާ ނަމަކަށް ކިޔާ މި ތައިލެންޑް ރައްޔިތާގެ ހަށިގަނޑު ހޯދާފައިވަނީ އިޒްރާއީލްގެ ސިފައިންނާއި ޝިން ބެޓް (އިންޓަނަލް ސެކިއުރިޓީ އޭޖެންސީ) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ނިއަރް އޯޒް އާބާދީން ހިފައިގެން ގެންދެވުނު މީހެކެވެ.
އިޒްރާއީލްގެ ރަހީނުންގެ އާއިލާތަކުން ބުނެފައިވަނީ "ހުރިހާ ރަހީނުން އަނބުރާ ގެނައުމަކާ ނުލައި އިޒްރާއީލްގެ ކާމިޔާބީއެއް ނުލިބޭނެ" ކަމަށެވެ. އަދި ޣައްޒާގައި ތިބި އެންމެހައި ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމަށް ސަރުކާރުގެ އިސްވެރިންނަށް ގޮވާލާފައިވެއެވެ.
ހަމާސް އިން ވަނީ އިޒްރާއީލްގެ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއިން އިޒްރާއީލް ސިފައިން އަނބުރާ ގެންދިއުމާއި، ފަލަސްތީނު ބަންދީން ދޫކޮށްލުމާ ބަދަލުގައި އިސްރާއީލްގެ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ނަމަވެސް ނެތަންޔާހޫ ވަނީ އެއްބަސްވުންތަކަށް އަދި އިތުރު ޝަރުތުތަކެއް ހުށައަޅައިފައެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ޖަމާޢަތްތަކުގެ ހަތިޔާރު ނައްތާލުމާއި ޣައްޒާ އަލުން “އޮކިއުޕައި” ކުރުން ހިމެނެއެވެ. އިޒްރާއީލްގެ އިދިކޮޅު ފަރާތްތަކާއި ރަހީނުންގެ އާއިލާތަކުން ބުނާ ގޮތުގައި ނެތަންޔާހޫ މި ހަނގުރާމަ ދަމަހައްޓަމުން ގެންދަނީ އަމިއްލަ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައެވެ.