ދުނިޔެ
ޣައްޒާގެ ކުޑަކުދިންގެ މެދުގައި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް އިތުރުވަމުންދާކަމަށް އދ އިން އިންޒާރުދީފި

ޣައްޒާގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހިކިއަނަރޫފަވެފައިވާ ކުއްޖެއް
ޣައްޒާގައި އުމުރުން 5 އަހަރުން ދަށުގެ 2،700 އަށް ވުރެ ގިނަ ކުދިންނަށް ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ނުރައްކާތެރި ޞިއްޙީ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.
މިއީ ފެބްރުއަރީ މަހު ހެދުނު ދިރާސާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
އދ. ގެ އިންސާނީ ވަސީލަތްތަކުގެ ވިލަރެސްކުރާ އޮފީހުން (އޯސީއެޗްއޭ) ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މެއި މަހުގެ ދެވަނަ ބައިގައި ދިރާސާކުރެވުނު 47،000 އަށް ވުރެ ގިނަ ކުޑަކުދިންގެ ތެރެއިން 5.8 އިންސައްތަ (2،733 ކުދިން) ވަނީ ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ. މިއީ ތިން މަސް ކުރިން ފާހަގަކުރެވުނު އަދަދާ އަޅާބަލާއިރު ތިން ގުނައަށް އިތުރުވެފައިވާ މިންވަރެކެވެ.
ނިއުޓްރިޝަން ކްލަސްޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖަނަވަރީ މަހުން ފެށިގެން 16،500 އަށް ވުރެ ގިނަ ކުޑަކުދިންނަށް ވަނީ ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ފަރުވާ ދޭންޖެހިފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުނު 141 ކުއްޖަކު ހިމެނެއެވެ. ނަމަވެސް މިފަދަ ނާޒުކު ހާލަތުގައި ތިބި ކުދިންނަށް ފަރުވާދެވޭނެ ހަމައެކަނި ހަތަރު މަރުކަޒެއް މިހާރު ޣައްޒާގައި ހުރިކަމަށް އޯސީއެޗްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އުތުރު ޣައްޒާ އަދި ރަފާހުގައި ހުރި މަރުކަޒުތައް ވަނީ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިންނަށް ފަރުވާ ލިބުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ ވިރާނާވަމުންދާ ކަމަށް އިންޒާރުދީފައެވެ.
"ޣައްޒާގެ ހޮސްޕިޓަލްތައް ސިސްޓަމެޓިކްކޮށް ހަލާކުކުރުން ވަރަށް ދިގު މުއްދަތަކަށް މިދަނީ ކުރިއަށް، މިކަން މިހާރުން މިހާރަށް ހުއްޓަންޖެހޭ،" ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ނާސިރް މެޑިކަލް ކޮމްޕްލެކްސް އަދި އަލް-އަމަލް ހޮސްޕިޓަލް ރައްކާތެރިކޮށް، އެތަންތަނަށް ވާސިލުވުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާފައިވެއެވެ.