ދުނިޔެ
ހިޒްބުﷲ ހަތިޔާރު ނުބަހައްޓާނަމަ ލުބުނާނަށް އިތުރު ހަމަލާތައް ދޭނެކަމަށް އިޒްރާއީލުން އިންޒާރުދީފި

ލުބްނާންއަށް އިޒްރާއިލުން ދިން ހަމަލާގައި ހަލާކުވެފައިވާ އިމާރާތެއް
ހިޒްބުﷲއިން ހަތިޔާރު ނުބަހައްޓާނަމަ ލުބުނާނަށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށް އިޒްރާއީލުގެ ދިފާއީ ވަޒީރު އިސްރާއެލް ކަޓްޒް އިންޒާރު ދީފިއެވެ.
އިޒްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭހާ ހިނދަކު "ބެއިރޫތްގައި އަމާންކަމެއް" އަދި "ލުބުނާނުގައި ހަމަޖެހުމެއް ނުއޮންނާނެ" ކަމަށް އޭނާ ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތިދުވަހުގެރޭ، އިޒްރާއީލުގެ ސިފައިން ބެއިރޫތްގެ ދެކުނު ހިސާބުތަކަށް ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދުން ފުރާނަ ސަލާމަތް ކުރުމަށް ފިލައިގެން ދިޔައެވެ. އެއްވެސް ހެއްކެއް ހުށައެޅުމެއްނެތި، އިޒްރާއީލުން ބުނެފައިވަނީ މިއީ ހިޒްބުﷲގެ "ޑްރޯން ފެކްޓަރީތަކަށް" އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.
ލުބުނާނުގެ ސަރުކާރުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި އިޒްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން 12 ވަރަކަށް ހަމަލާ ދީފައިވެއެވެ. ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިބްތިދާއީ އެސެސްމަންޓަކުން ދައްކާ ގޮތުގައި 9 އިމާރާތް ފުޑުފުޑުވެފައިވާ ކަމަށާއި، އެތައް އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އަމާޒުކުރެވުނު ތަންތަނުގައި ޑްރޯން އުފައްދާ ތަނެއް ނެތް ކަމަށްވެސް ހިޒްބުﷲއިން ބުނެފައިވެއެވެ.
ނޮވެމްބަރު 27 ގައި ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށްފަހު، ބެއިރޫތްގެ ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރާއީލުން ދިން ހަތަރުވަނަ އަދި އެންމެ ބޮޑު ހަމަލާއަކީ މިއީއެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުން އަދި އެހެނިހެން ޢަރަބި ޤައުމުތަކާއި އިންސާނީ ހައްޤުތަކުގެ ޖަމާއަތްތަކުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވޭތުވެދިޔަ 7 މަހުގައި، އިޒްރާއީލުން ވަނީ ކޮންމެ ދުވަހެއްގެ ގޮތަކަށް އެއްބަސްވުމާ ހިލާފުވެފައެވެ.
ނޮވެމްބަރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ގެރެންޓަރުންކަމުގައިވާ އެމެރިކާ އާއި ފްރާންސްއަށް ރައީސް އައުން ގޮވާލާފައިވަނީ އިޒްރާއީލުގެ ހަމަލާތައް ހުއްޓުވުމަށެވެ. އެއްބަސްވުމާ އެއްގޮތަށް، ލުބުނާނުގެ ސިފައިންނަށް ވަނީ ހިޒްބުﷲގެ ހަތިޔާރު ނެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅިގެން، ލުބުނާނުގެ ސިފައިން ވަނީ މިފަދަ ހަމަލާތަކުން އެއްބަސްވުމުގައި އެމީހުންގެ ދައުރު ބަލިކަށިވެގެންދާ ކަމަށް އިންޒާރު ދީފައެވެ.