ޚަބަރު
މިއަދު މާލެ އާއި ވިލިމާލޭގައި 16:00 އިން 18:00 އިންޖީނުލީ އުޅަނދު ދުއްވުން މަނާ

މާލޭ މަގުމަތީގައި ކާރޫބާރޫ ބޮޑު ދުވަހެއް ފޮޓޯ: ސަން އޮންލައިން
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހު މާލެ އަދި ވިލިމާލޭގައި ވަކި ވަގުތެއްގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އަޟްޙާ ޢީދު ދުވަހުގެ ހަވީރު 4:00 ން 6:00 އަށް މާލެ އަދި ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ވަގުތުގައި، ވަކި ބާވަތްތަކެއްގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ގެ ދަށުން މަނާކަމެއް ކަމުގައިވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި، އެމްބިއުލެންސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތާއި، އަދި ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް ހިމެނެއެވެ.
ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން އިތުރަށް ބުނެފައިވަނީ، މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.