Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ޢީދު ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ޢީދު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޖޫން 2025، 02:11

06 ޖޫން 2025، 02:11

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1446 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށް އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް މުޢިއްޒު މި ތަހުނިޔާ މެސެޖުގައި އަޟުޙާ ޢީދުގެ ރޫޙުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވެފައިވަނީ، މި އުފާވެރި މުނާސަބަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން، ސަލާމަތާއި ރައްކާތެރިކަމަށް އެދިވަޑައިގެން، އަދި އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރައީސް މުޢިއްޒު ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތާއި، އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް ﷲ މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

މި ތަހުނިޔާ މެސެޖު ފޮނުއްވުމުން، ރައީސް މުޢިއްޒު ވަނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާ ކަމުގެ މެސެޖެއް ދެއްވާފައެވެ. އަދި މި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS