Ads by Stelco

ޚަބަރު

ފަލަޞްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން : ރައީސް މުޢިއްޒު

ފަލަޞްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖޫން 2025، 07:42

05 ޖޫން 2025، 07:42

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު  ވަނީ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ތަހުނިޔާ ދަންނަވައި ޚިޠާބެއް އިއްވަވާފައެވެ. މި ޚިޠާބުގައި ރައީސް މުޢިއްޒު ވަނީ ފަލަޞްޠީނުގެ ރައްޔިތުންނަށް ދިވެހިންގެ ހިތްތަކުގައި އޮތް ކުލުނު ފާޅުކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ "ވަކީން ޚާއްޞަކޮށް، ފަލަޞްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން" ކަމަށެވެ. އަދި ފަލަޞްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށާއި، އެ ރައްޔިތުންނަށް ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ ޚިޠާބުގައި ޢީދުގެ މުހިންމުކަމާއި އިސްލާމީ އުންމަތުގެ މަތިވެރިކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެ ދިވެހީން ފާހަގަކުރާ ބޮޑުޢީދަކީ މާތްކަމާއި ނިޢުމަތުގެ ފޯވައްސެއްކަމަށެވެ. އަދި އިސްލާމީ އުންމަތަކީ މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތްކަމަށް ވިދާޅުވެ، މުސްލިމުންގެ ދަރަޖަ މަތިވެރިވެފައިވަނީ ހެޔޮ ކަންކަމުގައި ހިފަހައްޓައި، އަނެކުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކާ ބަޔަކަށް ވާތީކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ދިވެހި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދޮށީ ޢުމުރުގެ މީހުން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް ގޮވާލެއްވިއެވެ.

މި ޚިޠާބުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު އަރިސްކުރައްވާފައެވެ. އަދި ޙައްޖު މަހުގެ ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރުކުރެއްވުމަށާއި، ﷲގެ އޯގާވަންތަކަމާއި ރަޙްމަތް  ދިވެހި ޤައުމަށާއި، އެންމެހާ މުސްލިމުންނަށް އިތުރުކޮށްދެއްވުމަށް ދުޢާކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒުގެ މި ޚިޠާބުގައި އިސްލާމީ މުޖްތަމަޢުތަކުން ފެންނަ ރިވެތި ސިފަތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ޢީދު ދުވަހު ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއި އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމަކީ އިސްލާމީ މުޖްތަމަޢުތަކުގެ ރިވެތި ސިފައެއްކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ޢީދަކީވެސް ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚްތުން ހަނދާންކުރާ ފުރުޞަތެއްކަމަށް ވިދާޅުވެފައިވެއެވެ.

ނިންމާލަމުން ރައީސް މުޢިއްޒު ވަނީ އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޢީދުގެ ހަގީގީ ޒީނަތްތެރިކަމަކީ ދޮށީ ޢުމުރުގެ މީހުން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުންކަމަށް ވިދާޅުވެފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS