ޚަބަރު
ޢީދު އުފާވެރި ހަނދާންތަކަކަށް ހެދުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ފޮޓޯ:ރައީސް އޮފީސް
ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތަށް ހިތުގެ އިޚްލާޞްތެރި ހެޔޮ އެދުންތަކާއެކު ވަނީ އަރިސްކުރައްވާފައެވެ. އަދި ޒަމާނުއްސުރެ ދިވެހީން ފާހަގަކުރާ ބޮޑުޢީދަކީ، މާތްކަމާއި ނިޢުމަތުގެ ފޯވައްސެއްކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ ޢީދުގެ އުފަލާއެކު އިސްލާމީ މުޖްތަމަޢުތަކުން ފެންނަ ރިވެތި ސިފަތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ވަނީ ފަލަޞްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުންކަން ފާހަގަކުރައްވާފައެވެ. އަދި ފަލަޞްޠީނުގެ މުސްލިމުންނަށް ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އެދި ދުޢާކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެކަމާ ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ހަގީގީ ޒީނަތްތެރިކަން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކޮންމެ ބަރަކާތްތެރި މޫސުމެއްގައިވެސް އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
عيد مبارك
— Dr Mohamed Muizzu (@MMuizzu) June 5, 2025
ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.
އަޅުގަނޑު އެދެނީ މި އުފާވެރި ޢީދުގައި އެކުވެރިކަން ބަދަހި ކުރައްވައި، އިޖްތިމާޢީ ރޫޙު އާލާ ކުރެއްވުން. ހިތްހެޔޮކުރުމާ، އިޙްސާންތެރިވުމާ، ލޯތްބާއި އޯގާތެރިކަމުގެ ރީތި ސިފަތަކުން މިޢީދު… pic.twitter.com/n24y6idMtT