ދުނިޔެ

ކާނެ ބޯނެ އެއްޗެއް ކުޅޭ އެއްޗެއް ނެތް، ޣައްޒާގެ ކުދިންނަށް ހިތްދަތި ޢީދެއް

ކާނެ ބޯނެ އެއްޗެއް ކުޅޭ އެއްޗެއް ނެތް، ޣައްޒާގެ ކުދިންނަށް ހިތްދަތި ޢީދެއް

ޣައްޒާގެ ކުޑަކުދިންތަކެއް ކާތަކެތި ބަހާ ތަނެއްގެ ކިޔުގައި ޖެހިލައިގެން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 10:29

04 ޖޫން 2025، 10:29

މުސްލިމުންގެ ޢީދުތަކުގެ ތެރެއިން އަޟްޙާ ޢީދު ބޯމަތީގައި އޮތްއިރު ޣައްޒާގެ ކުޑަކުދިން ޢީދާ ކުރިމަތިލާނީ ހިތްދަތިކަމާއި އެކުއެެވެ. 

 އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 179،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެ އަދި ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިދިޔަ ތިން ޢީދާ ޚިލާފަށް، މިފަހަރުގެ ޢީދު އަންނަނީ ވަރަށް ބޮޑު ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ޣައްޒާވަނިކޮށެވެ. އިޒްރާއީލުން ވަނީ މާޗް 2 އިން ފެށިގެން އެހީގެ މަގުތައް ބަންދުކޮށްފައެވެ. ޣައްޒާގެ ކުޑަކުދިން ބުނާ ގޮތުގައި، ގިނަ ފަހަރަށް އެކުދިން ނިދަން ޖެހެނީ ބަނޑުހައިވެފައި ތިބެގެންނެވެ. އެއީ ރޮށިކޮޅެއް ވެސް ނުލިބޭތީއެވެ.

11 އަހަރުގެ ރިތާޖް ޝާމިއްޔާ ބުނާ ގޮތުގައި، މިހާރު ޢީދުގެ އުފާވެރިކަން އިހުސާސެއް ނުކުރެވެއެވެ.

އަޅުގަނޑުމެންނަށް އައު ހެދުމެއް ނުލިބޭ، ފައިސާވެސް ނެތް.  

ރިތާޖް ޝާމިއްޔާ ބުނެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން ކުޑަކުދިންގެ ސިފަވެސް ވަނީ ބަދަލުވެފައެވެ.

16 އަހަރުގެ ފަރަހް މުޤްބިލް ހިއްސާކުރި ގޮތުގައި، ކުރިން ޢީދަކީ އުފާވެރި ދުވަސްވަރެއް ނަމަވެސް، މިހާރު އެ އުފާވެރިކަން ވަނީ ގެއްލިފައެވެ.

ކުރިން އަޅުގަނޑުމެން ކާބޯތަކެތި ގަނެ، ޢާއިލާއާއެކު އުފާވެރި ވަގުތު ހޭދަކުރިން. މިހާރު އެ ހުރިހާ އެންމެން ވަނީ ޝަހީދުވެފައި.

ފަރަހް މުޤްބިލް ބުނެފައިވެއެވެ.

ޢާދިލް މުޤްބިލް ކިޔާ ކުއްޖަކު ބުނާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން އޭނާގެ އުމުރުން އެއް އަހަރާއި ހަ މަސް ދުވަސް ވަނީ ގެއްލިފައެވެ. "އަޅުގަނޑު ނިދަނީ ވެސް ބިރުވެރިކަމާއެކު،" އޭނާ ބުނެފައިވެއެވެ. އިޒްރާއީލްގެ ހަމަލާތަކުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް ބިރުވެރިކަން އިހުސާސްކުރެވޭކަމަށެވެ.

 އދ. އިން ބުނާގޮތުން، އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމަށް ދިޔުމަށް މަޖުބޫރުކޮށްފައިވަނީ އިންސާނީ އެހީތައް، ޚާއްޞަކޮށް ކާބޯތަކެތި ވަދެވޭ މަގުތައް ބަންދުކޮށްގެންނެވެ. ފާއިތުވި ބުރާސްފަތި ދުވަހު، އދ. ގެ ކާބޯތަކެއްޗާބެހޭ ޚާއްޞަ ރިޕޯޓަރު މައިކަލް ފަޚްރީ ވިދާޅުވީ އިޒްރާއީލުން ޣައްޒާ ގެންގޮސްފައިވަނީ "އެންމެ ނުރައްކާތެރި ބަނޑުހައިހޫނުކަމުގެ މަރުޙަލާއަށް" ކަމަށެވެ.

 އޭނާ އިންޒާރުދިނީ ބަނޑުހައިހޫނުކަމުގެ އަސަރުތައް ޖީލުތަކަށް ދެމިގެންދާނެ ކަމަށާއި، މިއީ "ނަސްލު ނައްތާލުމުގެ ޢަމަލެއް، ބަނޑުހައިހޫނުކަމަށް މަޖުބޫރުކުރުމެއް، އިންސާނިއްޔަތާ ދެކޮޅު ކުށެއް އަދި އިންސާނީ ޙައްޤުތަކުގެ ބޮޑު ޚިލާފުވުމެއް" ކަމަށެވެ.

 މުޤްބިލް ކަށަވަރުކޮށްދެނީ އިޒްރާއީލުގެ ހަނގުރާމައިން ކުޅުމާއި ތަޢުލީމު ފަދަ ކުޑަކުދިންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެފައިވާ ކަމަށާއި، އެކުދިން ސްކޫލަށް ދިއުމާއި، އުނގެނުމާއި، ކިޔެވުމުންނާއި އަދި ޢީދުން ވެސް މަޙްރޫމްކޮށްފައިވާ ކަމަށެވެ.

 މި ފަލަސްތީނު ކުއްޖާ ގޮވާލަނީ ނަސްލީ މަރުގެ ހަނގުރާމަ ހުއްޓުވުމަށާއި އެހީތައް ވެއްދުމަށެވެ. އަދި ޢަރަބި އުއްމަތަށް އެމީހުންނާއެކު ތެދުވުމަށް އިލްތިމާސްކުރެއެވެ. އޭނާ ހިތާމަކުރަނީ އެމީހުން ދިރިއުޅެމުންދާ އުނދަގޫ ޙާލަތާމެދުގައެވެ. ޚާއްޞަކޮށް ކާނާއާއި، މޭވާއާއި، ތަރުކާރީގެ ދަތިކަމާއެކުގައެވެ. އޭނާ ބުނާގޮތުން، އެމީހުން ބޯ ފެނުގައިވެެސް ލަނީ ލޮނު ރަހައެވެ. 

 ފަލަސްޠީނުގެ ހެލްތް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން،7 އޮކްޓޯބަރު 2023 އިން ފެށިގެން، އިޒްރާއީލުގެ ހިޞާރުގެ ސަބަބުން ކާނާ ނުލިބި ދަތިވެގެން 60 ފަލަސްތީނު ކުދިން ޝަހީދުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS