ދުނިޔެ

އިންޑިއާގެ ކްރިކެޓް ސްޓޭޑިއަމެއްގައި ހިނގި ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

އިންޑިއާގެ ކްރިކެޓް ސްޓޭޑިއަމެއްގައި ހިނގި ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ބެންގަލޫރުގެ ކްރިކެޓް ސްޓޭޑިއަމެއްގެ ބޭރުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ފުރަތަމަ އައިޕީއެލް މުބާރާތް ކާމިޔާބުކުރުން ފާހަގަކުރުމަށް އެއްވިމީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2025، 08:22

04 ޖޫން 2025، 08:22

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ވެރިރަށް ބެންގަލޫރުގައި ހުންނަ އެމް. ޗިނަސްވާމީ ސްޓޭޑިއަމް ބޭރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގީ އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖަރސް ބެންގަލޫރު ކާމިޔާބު ކުރި ފުރަތަމަ ޓައިޓަލް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައެވެ. އިންޑިއާގެ އެންޑީޓީވީ އިން ރިޕޯޓްކުރި ގޮތުގައި މި ހާދިސާގައި މަދުވެގެން 11 މީހުން ވަނީ މަރުވެފައެވެ. އަދި ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓްކުރި ގޮތުގައި މަދުވެގެން 7 މީހުން މަރުވެފައިވެއެވެ.

ކަރްނާޓަކާގެ ޑެޕިއުޓީ ޗީފް މިނިސްޓަރ ޑީކޭ ޝިވަކުމާރު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ "އެއްވެފައިވާ ބަޔަކު ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފައިވާ" ކަމަށެވެ. ލޯކަލް ޓީވީ ޗެނަލްތަކުން ދައްކާ މަންޒަރުތަކުގައި ފެންނަނީ ޒަޚަމްވެފައިވާ މީހުންނާއި ހޭނެތިފައިވާ މީހުން އެމްބިއުލަންސްތަކަށް އަރުވަމުންދާ މަންޒަރެވެ.

އިންޑިއާގައި މިފަދަ ހާދިސާތައް ހިނގަނީ ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވުމުންނެވެ. މި އަހަރުގެ ޖަނަވަރީ މަހު، އިންޑިއާގެ އެންމެ ބޮޑު ދީނީ އެއްވުން ކަމަށްވާ މަހާ ކުމްބް ފެސްޓިވަލްގައި ހިންދޫން  މުގައްދަސް ކޯރެއްގެ ގޮތުގައި ގަބޫލުކުރާ ކޯރަކުން ފެންވަރަން އެއްވި އެތައް ހާސް ހިންދޫން ތެރެއިން މަދުވެގެން 30 މީހުން ވެސް ވަނީ މަރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS