ދުނިޔެ
އެމެރިކާއިން ސީރިޔާގައި ހުރި އަސްކަރީ މަރުކަޒުތައް މަދުކޮށް، އެންމެ މަރުކަޒަކަށް ޢަދަދު މަދުކުރަނީ

އެމެރިކާގެ ސިފައިންގެ ގާފިލާއެއް ސީރިއާގެ އުތުރު އިރުމަތީ ސަރަހައްދުގައި
އެމެރިކާގެ އައު ސްޕެޝަލް އެންވޯއީ އިއުލާންކުރި ސިޔާސަތުގެ ބަދަލުގެ ދަށުން، ސީރިޔާގައި ހުރި ގިނަ އަސްކަރީ މަރުކަޒުތައް ބަންދުކޮށް، އެންމެ މަރުކަޒަކަށް އޮޕަރޭޝަންތައް އެއްކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޭތުވެދިޔަ މަހު ޓާކިއަށް އެމެރިކާގެ ސަފީރުކަމަށާއި ސީރިޔާގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަންކުރި ތޯމަސް ބެރެކް ވިދާޅުވީ، މި ބަދަލަކީ ވޭތުވެދިޔަ ސަތޭކަ އަހަރު ސީރިއާގައި ގެންގުޅުނު ނާކާމިޔާބު އުސޫލުތަކަށް ގެނެވޭ ބަދަލެއް ކަމަށެވެ.
ރޯއިޓަރސް ނިއުސް އޭޖެންސީއަށް ދެ ސެކިއުރިޓީ މަސްދަރަކުން މައުލޫމާތު ދިންގޮތުގައި، އެމެރިކާގެ އަސްކަރީ އާލާތްތަކާއި މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރަން ފަށައިފިއެވެ. ޑެއިރް އަޒް ޒޯރުން ހުރިހާ ސިފައިން ވެސް ގެންދާނެ ކަމަށް އެއް މަސްދަރަކުން އޭޕްރީލް މަހު ބުނެފައިވެއެވެ.
މިހާރު ސީރިޔާގައި ގާތްގަނޑަކަށް 2،000 އެމެރިކާ ސިފައިން ތިބި ކަމަށް ލަފާކުރެވެއެވެ. މި ސިފައިން ގިނައިން ތިބެނީ ކުރުދިސްތާނު މައިގަނޑު ބާރެއް ކަމަށްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާ އެކުގައެވެ. އެސްޑީއެފްއަކީ އެމެރިކާ އިސްވެ ހިންގާ އައިސިސްއާ ދެކޮޅު ހަނގުރާމައިގެ މުހިންމު ބައިވެރިއެކެވެ.
ބެރެކް ވިދާޅުވީ އެސްޑީއެފްއަކީ އެމެރިކާގެ ކޮންގްރެސްއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި، މި ގްރޫޕް ސީރިޔާގެ ގައުމީ ސިފައިންގެ ތެރެއަށް އެއްކުރުމަކީ މިހާރުގެ އިސްކަމެއް ކަމުގައެވެ. "އެންމެން ވެސް އުންމީދުކުރާ ކަންކަމުގައި އިންސާފުވެރިވާން ޖެހޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ސީރިޔާގެ އައު ރައީސް އަހްމަދް އަލް-ޝަރާއާގެ ދަށުން ބައިނަލްއަގުވާމީ ގުޅުންތައް އަލުން ފެށިފައިވާއިރު، ބެރެކް ވަނީ 2012 އިން ފެށިގެން ފުރަތަމަ ފަހަރަށް ދިމިޝްޤުގައި ހުރި އެމެރިކާގެ ސަފީރުގެ ގޭގައި އެމެރިކާގެ ދިދަ ނަގާފައެވެ.